ރާއްޖޭގެ ގައުމީ ޓީމުގެ ފޯވަޑް، އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)ވެސް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭަޝަން ކްލަބަށް ސޮއިކޮށްފިއެވެ.

މިދިޔަ ދެ ސީޒަނުގައިވެސް ޓީސީގައި މޮޅު ކުޅުމެއް ދެއްކި ފޭދޫ އިއްބެގެ ސޮއިއާއެކު މާޒިޔާގެ ފޯވަޑް ލައިން ވަނީ އިތުރަށް ވަރުގަދަ ވެފައެވެ. ގައުމީ ޓީމަށް ކުޅޭ ހަމްޒާ މުހައްމަދު (ހަމްޕު)ވެސް އެޓީމަށް ސޮއިކޮށްފައިވާ އިރު، ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) ވެސް ވަނީ އިތުރު ތިން އަހަރަށް ކޮންޓްރެކްޓް އާކޮށްފައެވެ. އޭގެ އިތުރުން ގައުމީ ޓީމުގެ ފޯވަޑް، ނާއިޒް ހަސަން (ދާދު)ވެސް މާޒިޔާގައި މަޑުކުރާނެ ކަމަށް ބެލެވެއެވެ.

ގައުމީ ޓީމުގެ ފޯވަޑް ލައިނުން މުހިއްމު ރޯލެއް އަދާކުރާ ފޭދޫ އިއްބެ، މާޒިޔާއަށް ސޮއިކޮށްފައި ވަނީ ތިން އަހަރަށެވެ. އުމުރުން 25 އަހަރުގެ ފޯވަޑް، ފޭދޫ އިއްބެ މިނިވަން ޗެމްޕިއަންޝިޕްގައި ސ. ފޭދޫ ޓީމުން ވިދާލި އިރު، އޭނާ ފުރަތަމަ ޑިވިޝަންގައި ކުޅުނު ދެ ސީޒަންގައިވެސް ވަނީ މޮޅު ކުޅުންތެރިޔާއަށް ނޮމިނޭޓް ވެފައެވެ. އަދި 2017 ވަނަ އަހަރުގެ ސީޒަންގެ އެންމެ މޮޅު ގޯލް، ޖޫލޭ އެވޯޑުވެސް ލިބުނީ އޭނައަށެވެ.

ސާފް ސުޒުކީ ކަޕް ފައިނަލް: ދިވެހިރާއްޖެ އަދި އިންޑިއާ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ފުރަތަމަ ޑިވިޝަންގައި ކުޅެން ފެށުމާއެކު ގައުމީ ޓީމުންވެސް ޖާފަ ހޯދަމުން އަންނަ ފޭދޫ އިއްބެއަކީ ގައުމީ ޓީމުން، މިދިޔަ އަހަރު ސާފް ޗެމްޕިއަންޝިޕް ހޯދި ޓީމުގެވެސް އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. ފައިނަލް މެޗުގައި އޭނާ އިންޑިއާ ކޮޅަށް ޖެހި، ހިތްގައިމު ގޯލް ވަކިން ހާއްސަކޮށް ފާހަގަ ކޮށްލެވެއެވެ.

އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާއިން ބޮޑެތި ޓްރާންސްފާތަކެއް ކުރަމުންދާ އިރު، އެޓީމަށް މިދިޔަ ސީޒަންގައި އިރުޝާދު ދިން ކޯޗު، އިސްމާއީލް މަހެފޫޒް (އިންމަ) އަންނަ ސީޒަނުގައި ފެންނާނީ ދަ ގްރާންޑޭއިންނެވެ. މާޒިޔާއިން ގެންނާނެ ކޯޗެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.