ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި އެތުލެޓިކޯ މެޑްރިޑު ކައިރީ ހެޓްރިކް ހެދުމަށްފަހު، ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލޯ އުފާފާޅު ކުރުމަށް ޑިއޭގޯ ސިމިއޯނީއަށް މަލާމާތް ކުރި މައްސަލަ ޔޫއެފާއިން ބަލާ ނިންމުމަށްފަހު ފިޔަވަޅު އަޅައިފިއެވެ.

އެތުލެޓިކޯއިން ގަދަ 16ގެ ފުރަތަމަ ލެގު 2-0ގެ ނަތީޖާއަކުން ކާމިޔާބުކުރި އިރު، އެ މެޗުގެ ދެވަނަ ގޯލާއެކު ސިމިއޯނީ ވަނީ ޔުވެންޓަސްއަށް މަލާމާތް ކުރުމުގެ ގޮތުން އުފާފާޅު ކޮށްފައެވެ. އަދި އޭގެ ބަދަލެއްގެ ގޮތުން، ދެވަނަ ލެގުގައި ތިން ގޯލް ޖަހާ، ރޮނާލްޑޯ ވަނީ ސިމިއޯނީގެ އުފާފާޅުކުރުން ކޮޕީކޮށް، އެކަމަށް މަލާމާތް ކޮށްފައެވެ.

އެ މައްސަލަ އެތުލެޓިކޯއިން ޔޫއެފާއަށް ހުށަހެޅި އިރު، މައްސަލައިގައި ރޮނާލްޑޯއަށް ދެ މެޗުގެ ސަސްޕެންޝަނެއް ކުރިމަތިވާނެ ކަމަށް ގިނަ މީޑިއާތަކުން ބުނެފައިވެއެވެ. އެހެން ނަމަވެސް އެ މައްސަލަ ބެލުމަށްފަހު ޔޫއެފާއިން ރޮނާލްޑޯއަށް ދިން އަދަބަކީ ޖޫރިމަނާ ކުރުމެވެ. 17،700 ޕައުންޑުން ރޮނާލްޑޯ ޖޫރިމަނާ ކޮށްފައިވާ އިރު، ފުރަތަމަ ލެގުގައި ސިމިއޯނީ އެފަދަ ގޮތަކަށް އުފާފާޅުކުރުމުން، ޔޫއެފާއިން ވަނީ އޭނާވެސް 17،000 ޕައުންޑުން ޖޫރިމަނާ ކޮށްފައެވެ.

ޔުވެންޓަސްއިން އަޔެކްސްއާ ދެކޮޅަށް އޮތް ކުއާޓާ ފައިނަލް ދެ މެޗަށް ރޮނާލްޑޯ ސަސްޕެންޑްވާނެ ކަމަށް ބެލެވުނު ނަމަވެސް، މިއަދު އޮތް ޔޫއެފާ ޑިސިޕްލިނަރީ ކޮމިޓީގެ ބައްދަލުވުން ނިންމާފައި ވަނީ ރޮނާލްޑޯ ޖޫރިމަނާ ކުރުމަށެވެ.