އާޖެންޓީނާގެ ގައުމީ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ، ވޯލްޑް ކަޕަށްފަހު ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުން އެޓީމު ބަލިވެއްޖެއެވެ.

ގައުމީ ޓީމާއެކު އެތަކެއް ހިތި ތަޖުރިބާތަކެއް މިހާތަނަށް ކޮށްފައިވާ މެސީ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި ބަލިވެ، އޭގެ ފަހުން ކޮޕާ އެމެރިކާގެ ފައިނަލްއިން ދެ ފަހަރަށް ބަލިވުމުން ކުރިން ރިޓަޔާވެސް ކޮށްފައެވެ. އެހެން ނަމަވެސް ފަހުން އެ ނިންމުން ބަދަލުކޮށް އެނބުރި އައި އިރު، މިފަހަރުގެ ރަޝިޔާ ވޯލްޑް ކަޕަށްފަހުވެސް މެސީ ވަނީ އަމިއްލައަށް ގައުމީ ޓީމުން ބްރޭކެއް ނަގާފައެވެ.

ރޭ ވެނިޒުއޭލާއާ ދެކޮޅަށް އެގައުމުގެ ގައުމީ ޓީމުން ކުޅުނު މެޗަކީ މެސީ އެނބުރި އައި މެޗެވެ. މެޗުގައި މެސީ ފެށި އިރު، ޓީމުގެ 11 އިން ބޮޑެތި ބަދަލުތަކެއް ފާހަގަ ކޮށްލެވުނެވެ. ހާއްސަކޮށް ޓީމުގެ ސްކޮޑުންވެސް ޒުވާން ގިނަ ކުޅުންތެރިންތަކަކަށް އެކުވެރިކަމުގެ މެޗުގައި ޖާގަ ދީފައިވާކަން ފާހަގަކޮށްލެވެއެވެ.

މެޗުގައި މެސީ ފެށި ނަމަވެސް، އޭނާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. 3-1ގެ ނަތީޖާއަކުން އާޖެންޓީނާ ބަލިވެގެން ނިމުނު އިރު، މެސީ ނިންމާލީ އަނިޔާއާ އެކުގައެވެ. "ގްރޮއިން" އިންޖަރީއެއް މެސީއަށް ލިބިފައިވާ އިރު، އަންގާރަ ދުވަހު މޮރޮކޯއާ ދެކޮޅަށް ކުޅެން އޮތް މެޗުގައި އޭނާ ނުކުޅޭނެއެވެ.

ރޭގެ މެޗުގެ ސްކޮޑަށް ޑީބާލާ ނެގި ނަމަވެސް އޭނާ މެޗުގައި ފެނިފައެއް ނުވެއެވެ. އަދި މެޗަށް ނެގި ސްކޮޑުގައި ސިޓީގެ ފޯވަޑް ސާޖިއޯ އަގުއޭރޯއާއި ޗެލްސީގެ ފޯވަޑް ގޮންޒާލޯ ހިގުއައިންވެސް ހިމަނާފައެއް ނުވެއެވެ. އޭގެ އިތުރުން މިފަހަރުގެ ސްކޮޑުގައިވެސް އިންޓަ މިލާންގެ ފޯވަޑް މައުރޯ އިކާޑީ ހިމަނާފައެއް ނުވެއެވެ.