އޭއެފްސީ 23 އަހަރުން ދަށު މުބާރާތުގެ ކޮލިފައިންގައި ރޭ ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ސައުދީ އަރަބިޔާ އަތުން ބަލިވެއްޖެއެވެ.

ސައުދީ އަރަބިޔާގެ ޕްރިންސް ފައިސަލް ބިން ފަހުދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުން ރާއްޖެ ބަލިވީ 6-0ގެ ނަތީޖާއަކުންނެވެ.

ގައުމީ ޓީމުން އޭއެފްސީ 23 އަހަރުން ދަށުގެ ކޮލިފިކޭޝަން މިއަހަރު ކުޅެފައި ވަނީ ތިން އަހަރުގެ މެދު ކެނޑުމަކަށް ފަހުގައެވެ. އަބަދުވެސް ވަރުގަދަ ޓީމުތަކާ ރާއްޖެއިން ވާދަކުރަން ޖެހޭ އިރު، މިފަހަރުވެސް ރާއްޖެއިން ކުޅެން ޖެހޭނީ ސަރަހައްދީ ވަރުގަދަ ޓީމުތަކާ ދެކޮޅަށެވެ. އެގޮތުން ސައުދީ އަރަބިޔާއަކީވެސް ސަރަހައްދީ ފުޓުބޯޅައިގެ ގަދަ ބާރެެކެވެ.

ރޭ ކުޅުނު މެޗުގެ ފުރަތަމަ ކޮޅުގައި ރާއްޖެއިން ސައުދީ ހިފެހެއްޓި ނަމަވެސް، އެޓީމުން ހާފް ނިންމާލީވެސް 2-0ގެ ނަތީޖާއަކުން ލީޑުގައި އޮވެގެންނެވެ. އަދި ދެވަނަ ހާފްގައި އިތުރަށް ވަރުގަދަކޮށް، ސައުދީން އިތުރު ގޯލްތައްވެސް ޖެހިއެވެ.

ކޮލިފައިންގައި މި ގްރޫޕްގެ ފުރަތަމަ މެޗުގައި މިއަދު ޔޫއޭއީ ވަނީ 6-1 އިން ލެބަނަން ބަލިކޮށްފަ އެވެ. ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި އާދިއްތަ ދުވަހުގެރޭ ބައްދަލުކުރާނީ ޔޫއޭއީއާއެވެ.މުބާރާތަކީ ރާއްޖޭގެ ޓީމަށް މުހިއްމު ތަޖުރިބާއެއް ވާނެ ކަމަށް ކޯޗު ޕީޓާ ސެގަޓް ބުނެފައިވާ އިރު، މިފަހަރު ޓީމަށް އިރުޝާދު ދެނީ އެސިސްޓެންޓް ކޯޗު، ޝާކިރު (ޝާކިއްޓޭ)އެވެ.

މެޗަށް ނުކުތް ފުރަތަމަ 11 :

ހުސެއިން ޝަރީފް (ހުސެން)/ ގޯލްކީޕަރު، އައްޒާމް އަބްދުﷲ (އެޑޫ)/ ކެޕްޓަން، އައިޝަމް އިބްރާހިމް، ހައިޝަމް ހަސަން، އަލީ ޝަމާލް އަބްދުﷲ، މުހައްމަދު ސާދު ނިޒާރު، ސައިފުﷲ އިބްރާހިމް، ހަސަން ރާއިފް އަހުމަދު (ހަންނަ)، މުހައްމަދު ޖައިލަމް (އޮގީ)، ރިހާމް އަބްދުލް ގަނީ (ބޮބީ) އަދި އަބްދުﷲ ޔާމީން (ޔާން)