ޗެލްސީ އިން ދަނީ އެޓީމްގެ ފޯވާޑް އެޑެން ހަޒާޑް އެޓީމް ދޫކޮއްލާފައި ގޮސްފިނަމަ ބާސެލޯނާގެ މިޑްފީލްޑަރ ފިލިޕް ކޫޓީނިއޯ ގަންނަން ތައްޔާރު ވަމުންކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އުމުރުން 26 އަހަރުގެ ބްރެޒިލްގެ ފިލިޕް ކޫޓީނިއޯ މިސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލާނެ ކަމަށްވެސް ޚަބަރުތައް ބުނެއެވެ. އޭނާ ހޯދުމަށް ގިނަ ޓީމްތަކެއް ތައްޔާރުގައި ތިބި އިރު ޗެލްސީއިން މިހާރު ވަނީ ދުރާލައި އެކަމަށް ތައްޔާރު ވެފައެވެ. ނަމަވެސް ޗެލްސީއަށް އިތުރު ކުޅުންތެރިއަކު ގެނެވެން އޮންނާނީ އެންމެ ގޮތަކަށެވެ. އެއީ ފީފާ އިން ދީފައިވާ އަދަބުން ސަލާމަތްވެއްޖެ ނަމައެވެ. ޗެލްސީއަށް ވަނީ ކުޅުންތެރިން ނުގެނެވޭ ގޮތް ހަދާފައެވެ. އެޓީމުން އަންނަނީ އެ މައްސަލަ ދެ ވަނަ ފަހަރަށް އިސްތިއުނާފްކުރުމަށް ތައްޔާރުވަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޒައިނުއްދީން ޒިދާން އަލުން ރިއަލް މެޑްރިޑްގެ ކޯޗް ކަމާ ހަވާލުވުމަށް ފަހު އަންނަ ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ޗެލްސީގެ ތަރި އެޑެން ހަޒާޑް ގެންދަން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސްޕެއިންގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ހަޒާޑް މިހާރު ވަނީ ރެއާލްއަށް ބަދަލުވާން އެކްލަބާ އެކު އަނގަބަހުން އެއްބަސްވުމަކަށް އައިސްފަ އެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި ބާސެލޯއިންވަނީ ކޫޓީނިއޯ 85 މިލިއަން ޕައުންޑް އަށް ވިއްކާލަން ތައްޔާރުވަމުން ކަމަށެވެ. ކުޓީނިއޯ ހޯދަން މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މެންޗެސްޓާ ޔުނައިޓެޑާއި ޕީއެސްޖީންނެވެ.