މިހާރު ކުރިއަށްދާ ދިރާގު މަމެން އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ހަމްދޫން އަބްދުލްލަތީފް ޖެހި މޮޅު ގޯލައަކަށް ބައިނަލްއަގުވާމީ ސަމާލުކަން ލިބިއްޖެއެވެ.

އިންޓަ ސްކޫލް 18 އަހަރުން ދަށުގެ މުބާރާތުގައި ވިލާއާއި ރެހެންދި ކުޅުނު މެޗުގައި ހަމްދޫން ޖެހި ގޯލްގެ ވީޑިއޯ، ރާއްޖޭގެ އެފްއޭގެ މައިކޫޖޫ ޗެނަލްއިން ބައިނަލްއަގުވާމީ މީޑިއާއާ ހަމައަށް ގޮސްފައިވާ އިރު، އެ ގޯލް ސަމާލުކަމަށް އައިސްފައި ވަނީ "ބްލީޗާސް ރިޕޯޓް" ކިޔާ މަގުބޫލު ފުޓުބޯޅަ ނޫހަކަށެވެ.

ބްލީޗާޒް ރިޕޯޓަކީ ދުނިޔޭގައި އެންމެ މަޝްހޫރު އެއް ކުޅިވަރު ނޫހުގެ ވެބްސައިޓެވެ. އެ ވެބްސައިޓަކީ ހާއްސަކޮށް، އެފަދަ ވީޑިއޯތަކަށް ސަމާލުކަން ދޭ ވެބްސައިޓެވެ. ބްލީޗާސް ރިޕޯޓް ސޯޝަލް މީޑިއާ ޕްލެޓްފޯމަކީ އިންތިހާއަށް ފޮލޯވާސް ގިނަ ޕްލެޓް ފޯމަކަށްވާ އިރު، ފޭސްބުކް ޕޭޖްގައި އެކަނިވެސް އަށް މިލިއަން ދެލައްކަ 81 ހާހެއްގާ ފޮލޯވާސް އެބަތިއްބެވެ.

ހަމްދޫނަށް އަރިމަތިން ލިބުނު ބޯޅަ، ފުރަތަމަ ނައްޓާލަން އުޅުމުގެ ތެރޭގައި އޭނާ ވެއްޓުނު ނަމަވެސް، އަނެއްކާވެސް ތެދުވެ މޮޅު ހުނަރަކާއެކު ޑިފެންޑަރު ބީޓް ކޮށްލައެވެ. އޭނާ އޭރިއާ ތެރެއަށް ވަންނަނީ އިތުރު ދެ ޑިފެންޑަރުން ކައިރިންވެސް ހަަމަ އެ ހުނަރާއެކު ނައްޓާލާފައެވެ. އޭރިއާ ތެރެއަށް ވަދެ، އޭނާ ގޯލަށް ބޯޅަ ވައްދާލަނީވެސް ހަނި އޭންގަލަކުންނެވެ.

ބްލީޗާސް ރިޕޯޓްގެ ފޭސްބުކާއި ޓްވިޓާއަކީވެސް ވެރިފައިޑް ޕްލެޓްފޯމްތަކަށްވާ އިރު، ޓްވިޓާގައިވެސް 6.9 މިލިއަން ފޮލޯވަރުން އެބަ ތިއްބެވެ. ބްލީޗާސް ރިޕޯޓްގެ ފޭސްބުކްގައި ކޮށްފައިވާ ވީޑިއޯއަށް އެކަނިވެސް 52،300 އަށްވުރެ ގިނަ ވިއުސް ލިބިފައިވާ އިރު، ގިނަ ކޮމެންޓްތަކެއްގައި ވަނީ ހަމްދޫނަށް ތައުރީފް އަމާޒުކޮށްފައެވެ.