މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ދީފައިވާ ސްކޮލަސިޕެއްގެ ދަށުން ބޮޓްސްވަނާ ގައި ކިޔަވަމުން ގެންދާ ރާއްޖޭގެ ދުވުން ތެރިޔާ އިބްރާހިމް އަޝްފާން އަލީ (އައްޕި) އެގައުމުގެ ސްކޫލްތަކުގެ މެދުގައި ބާއްވާ ދުވުމުގެ މުބާރާތަކުން އެއްވަނަ ހޯދައި ގައުމީ ޖޫނިއަރ ރެކޯޑެއް މުގުރާލައިފިއެވެ.

ބޮޓްސްވަނާގެ ގަބްރޯން ސިޓީގައި މިމަހު 16 ގައި ކުރިޔަށް ދިޔަ އިންޑެޕެންޑެންޓް ސެކަންޑަރީ ސްކޫލްސް ސްޕޯޓްސް އެސޯސިއޭޝަން (އައިއެސްއެސްއެސްއޭ) ދުވުމުގެ ރޭހުގައި އައްޕި ވަނީ 2 ކެޓަގަރީއަކުން ބައިވެރިވެ އެއްވަނަ ހޯދުމުގެ އިތުރުން ގައުމީ ޖޫނިއަރ ރެކޯޑެއްވެސް މުގުރާލާފައެވެ.

100 މީޓަރު ދުވުމުން ރާއްޖޭގެ ގައމީ ރެކޮޑް ހޯދާފައިވާ އިބްރާޙިމް އަޝްފާން އަލީ (އައްޕި) - ފޮޓޯ: އައްޕި

އައްޕި ވަނީ އެމުބާރާތުގައި 19 އަހަރުން ދަށުގެ 100 މީޓަރުގެ ދުވުމުގެ ބައިންނާއި 200 މީޓަރުގެ ދުވުމުގެ ބައިގައި ބައިވެރިވެފައެވެ. މި ދެ ބައިން އައްޕި އެއްވަނަ ހޯދާފައިވާއިރު 100 މީޓަރުގެ ދުވުން އައްޕި ނިންމާފައިވަނީ 11.08 ސިކުންތުންނެވެ. އަދި 200 މީޓަރުގެ ދުވުން އޭނާ ނިންމާފައިވަނީ 22.45 ސިކުންތުންނެވެ.

އައްޕި ވަނީ 19 އަހަރުން ދަށުގެ 100 މީޓަރު ދުވުމުގެ ބައިން ރާއްޖޭގެ ޖޫނިއަރ ރެކޯޑް މުގުރާލާފައެވެ. މީގެ ކުރިން މި ރެކޯޑް އޮތީ 11.19 ސިކުންތުން 100 މީޓަރު ދުވެގެން އަޙުމަދު އަނޫފް މުޙައްމަދު އަތުގައެވެ.

އައްޕި ބޮޓްސްވަނާގައި ކިޔަވަމުން ގެންދަނީ އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެހީއާއެކު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ދިން ސްކޮލަސިޕެއްގެ ދަށުންނެވެ. މިއީ 4 އަހަރުގެ ސްކޮލަސިޕެކެވެ އަދި މިއީ ސްކޮލަސިޕްގެ ދަށުން އައްޕި އެގައުމުގައި ކިޔަވާތާ 2 ވަނަ އަހަރެވެ. މި ސްކޮލަސިޕަށް ފަންޑު ކޮއްފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުންނެވެ.

އައްޕި ވަނީ މީގެ ކުރިންވެސް 100 މީޓަރުގެ ދުވުމުގެ ރެކޯޑެއް ހަދާފައެވެ. އެއީ 2015 ވަނަ އަހަރު ބޭއްވުނު ކޮމަންވެލްތް ޔޫތް ގޭމްސްގައި 11.34 ސުކުންތުން 100 މީޓަރު ދުވުން ނިންމައިގެންނެވެ.