އެފްއޭއެމްއިން ކްލަބުތަކަށް އެހީތެރުވުމަށް ދޭ ފައިސާއަށް ވާ ނުވާ ވަރަށް ރަނގަޅަށް މޮނީޓާކޮށް، ބަލަހައްޓާނެ ކަމަށް އެ އިދާރާގެ ރައީސް، ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ބައްސާމް މިހެން ވިދާޅުވީ، އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސްއަށްފަހު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެމުންނެވެ. އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށް ބައެއް ކްލަބުތަކުން ގޮވާލައިފައި ވަނިކޮށް، އެކަން ގާނޫނުން ބޭރުން ހިނގާތީ ފީފާއިން ވަނީ ހުއްޓުވާފައެވެ. އަދި އެކަމުގެ ތެރެއިން ޔޫތު މިނިސްޓްރީއާ އެފްއޭއެމްއާ ދެމެދު ބަހުގެ ހަމަލާތައް ހިނގާ، ގުޅުން ވަނީ ގޯސްވެފައެވެ.

އެ ކަންތައްތަކުގެ ތެރެއިން އެފްއޭއެމްއިން އިއުލާން ކޮށްފައި ވަނީ ކްލަބުތަކަށް މިފަހަރު ފައިސާގެ އެހީތެރިކަން ދޭނީ އެފްއޭއެމްއިން ކަމަށެވެ. މީގެ ކުރިން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް އެކަން ކުރި އިރު، އެކަން ރެގިއުލޭޓް ވެފައި ނެތް ކަމަށްވެސް އެތައް ބަޔަކު ފާހަގަކުރިއެވެ. މިއަދު ބައްސާމް ވިދާޅުވީ އެފްއޭއެމްއިން ދޭ ފަންޑު ވަރަށް ގާތުން ރެގިއުލޭޓް ކުރާނެ ކަމަށާއި، ހަރުދުގެ ތަފްސީލުތައް ބަލާނެ ކަމަށެވެ.

"އަންނަ އަހަރު އެފްއޭއެމްއިން ކްލަބުކްތަކަށް މި ފައިސާ ދެނީވެސް. އެ ފައިސާ ވަރަށް ރަނގަޅަށް މޮނީޓަރ ކުރާނެ އެފްއޭއެމްއިން. ކްލަބުތަކުން ކުރާ ހުރިހާ ހަރަދެއްގެ ތަފްސީލީ ރިޕޯޓް އެފްއޭއެމްއަށް ހުށަހަޅަން ޖެހޭނެ. ހަމަ އެގޮތަށް މާލީ ހުރިހާ ބަޔާންތަކާއެކު ކުޅުންތެރިންނަށް ދޭ މުސާރަވެސް ޗެކުން ދީގެން އެ ހުށަހަޅަން ޖެހޭނެ. ވަރަށް ބޮޑަށް ބާރު އަޅާ ކަމެއް އެއީ، ނަގުދު ފައިސާއިން މުއާމަލާތްތައް ނުކުރުން. އެ ހުރިހާ ކަމެއްގެ ތެރެއިން ހަރުދުތައް ކުރާ ކަންކަން ބެލޭނެ،" ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ މާލީ ކަންކަން ބަލާ، ފައިސާ ދޭނީ އެކަމަކށް ހާއްސަ ކޮމިޓީއަކުން މަހުން މަހަށް ނޫނީ، ކުއާޓާލީ ބެލުމަށްފަހުގައި ކަމަށެވެ.

"ކްލަބުތަކުގެ މާލީ ކަންކަން ބެލުމަށް މިހާރު ވާނީ ކޮމިޓީއެއް ހެދިފައި. އެ ކޮމިޓީން ވަރަށް ގާތުން ބަލަމުންދާނެ ކަންކަން. އެ ކޮމިޓީން ބަލާފަ މަހުން މަހަށް، ނޫނީ ކުއާޓާލީ ފައިސާ ދޭނީ. ކަންކަން ގޯސްކޮށް ގޮސްފައިވާނަމަ، އެ ފައިސާ އިތުރަށް ނުދޭނެ،" ބައްސާމް ފާހަގަކުރެއްވިއެވެ.