އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ޗައިނާ ސަރުކާރާ އެކު، ދެ ގައުމުގެ މެދުގައި ފުޓްބޯޅައިގެ ގުޅުންތައް އުފެއްދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރޯމްގައި އާދީއްތަ ދުވަހު ސޮއިކުރި މި އެއްބަސްވުމުގައި ޗައިނާގައި ފުޓްބޯޅަ ކުރިއެރުވުމާއި އިޓަލީއިން ފުޓްބޯޅަ ޗައިނާގައި ފެތުރުންވެސް ހިމެނެއެވެ. އަދި ކުޅުންތެރިންނާއި ކޯޗުން ބަދަލުކުރުމާއި މާކެޓިން، ޓްރެއިނިން އަދި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ދާއިރާ އިން އެހީތެރިކަން ފޯރުކޮށްދިނުން ހިމެނިގެންވެއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން އިޓަލީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ގެބްރިއަލް ގްރަވީނާ ވިދާޅުވެފައިވަނީ މިއީ ތާރީހީ ބައްދަލުވުމެއްކަމަށާއި މުހިއްމު އެތައް މަޝްވަރާތައް ބައްދަލުވުމުގައި ކުރެވިފައިވާ ކަމަށެވެ.

ގްރަވީނާ އިތުރަށް ބުނެފައިވަނީ ދެ ސަގާފަތް އޮންނަ ގައުމުގެ މެދުގައި ފުޓްބޯޅަ ކުރިއަރުވަން އެއްބަސްވުމުގައި ސޮއި ކޮއްފައިވާތީ އެ ފުރުސަތުގައި ޝުކުރު އަދާކުރާކަމަށެވެ. އަދި އެމީހުން ބޭނުންވަނީ ދެ ގައުމުގައި އޮތް ގުޅުން އިތުރަށް ގާތް ކުރަން ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން އިޓާލިއަން ލީގުގެ މެޗެއް ނޫނީ އިޓާލިއަން ސުޕަ ކަޕް ނުވަތަ އިޓާލިއަން ކަޕުގެ މެޗެއް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ޗައިނާގައި ކުޅޭތަން ފެނިގެންދާނެކަމަށްވެސް ރިޕޯޓްތަކުން ދައްކައެވެ.

ޗައިނާގެ ގައުމީ ފުޓްބޯޅަ ޓީމުގެ މިހާރުގެ ކޯޗަކީ އިޓަލީގެ ކުރީގެ ކެޕްޓަން ފަބިއޯ ކަނަވާރޯއެވެ. އިޓާލިއަން ސުޕަ ކަޕް މެޗު މީގެ ކުރިން 2009، 2011، 2012 އަދި 2015 ގައި ޗައިނާގައި ވަނީ ކުޅެފައެވެ.

ދާދި ފަހުން އޭސީމިލާން ވަނީ ޗައިނާގެ އިންވެސްޓަރަކު ގަނެ އިންވެސްޓް ކޮއްފައެވެ. އެ މަސައްކަތް ފެއިލްވުނުގެ ސަބަބުން އޭސީމިލާން މިހާރު ހިންގުމާ ހަވާލުވެގެން ތިބީ އެމެރިކާގެ އެލިއޯޓް ގުރޫޕުންނެވެ.