ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު، ސައުދީ އަރަބިޔާގައި ކުރިއަށްދާ އޭއެފްސީ އޭޝިއަން ކަޕް 23 އަހަރުން ދަށުގެ ކޮލިފިކޭޝަންގައި ވާދަކުރަމުންދާ އިރު، ޓީމު އެއްކޮށް އުމްރާއަކަށް ދާން ތައްޔާރުވެފައިވާ ކަމަށް ޓީމުން ބުނެފިއެވެ.

ކޮލިފިކޭޝަންގެ ތިން މެޗުގެ ތެރެއިން ފަހު މެޗު މިރޭ ލުބުނާންއާ ދެކޮޅަށް ކުޅޭ އިރު، ޓީމުގެ މެނޭޖަރު ނޫސްތަކަށް ބުނެފައި ވަނީ މެޗަށްފަހު، ޓީމު ސައުދީގެ ރިޔާދުން މައްކާއަށް ދާން ފުރާނެ ކަމަށެވެ. ޓީމަށް ހަމަޖެހުނު އެ ފުރުސަތަކީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި، ސައުދީ ފެޑްރޭޝަން ގުޅިގެން ހަމަޖެއްސި ފުރުސަތެއް ކަމަށްވެސް ޓީމުގެ މެނޭޖަރު ބުނެފައިވެއެވެ.

އުމްރާ ނިންމާލުމަށްފަހު ޓީމު ރާއްޖެ އަންނާނެ ކަމަށް ބެލެވެނީ މާދަމާ ނޫން އަނެއް ދުވަހުއެވެ.

އޭޝިއަން ކަޕް އަންޑާ 23ގެ މުބާރާތުގެ ކޮލިފިކޭޝަންގައި ރާއްޖެ މިހާތަނަށް ކުޅުނު ދެމެޗުން ބަލިވެފައި އޮތް ނަމަވެސް، އެ މުބާރާތް ވެގެންދާނީ ދިވެހި ކުޅުންތެރިންނަށް މުހިއްމު މުބާރާތަކަށެވެ. ހާއްސަކޮށް މިފަހަރުގެ ޓީމަކީ ވަރަށް ޒުވާން ޓީމަކަށްވުމާއެކު، އެ ކުޅުންތެރިންނަށް މުބާރާތުގެ ތަޖުރިބާ ވަރަށް މުހިއްމުވާނެއެވެ.