މިހާރު ކުރިއަށްދާ މައިލޯ އިންޓަސްކޫލް ފުޓްބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ ފުރަތަމަ ސެމީ ފައިނަލްގައި ހިރިޔާ ސްކޫލާއި މަޖީދިއްޔާ ސްކޫލް މިއަދު ބައްދަލު ކުރާނެއެވެ.

ސްކޫލް ކުދިންގެ މެދުގައި ކޮންމެ އަހަރަކު ބާއްވަމުންދާ މި މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ހިރިޔާ ސްކޫލް ކަށަވަރުކުރީ ކުއާޓާ ފައިނަލްގައި ތާޖުއްދީން އާއި ދެކޮޅަށް ކުޅެ 1-3 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. އަދި މަޖީދިއްޔާ ސްކޫލް ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި މިދިޔަ އަހަރުގެ ޗެމްޕިއަން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ބަލިކޮށްގެނެއެވެ.

މިއަހަރު މަޖީދިއްޔާ ސްކޫލްގެ 14 އަހަރުން ދަށުގެ ޓީމްގެ ކޯޗްކަން ކޮއްދެނީ މިދިޔަ އަހަރު އެ ސްކޫލްގެ 16 އަހަރުން ދަށުގެ ޓީމަށް ތަށި ނަގައިދިން ކޯޗް އަހުމަދު މަމްދޫޙް އެވެ. ހިރިޔާ ސްކޫލްގެ 14 އަހަރުން ދަށޫގެ ޓީމަށް އިރުސާދު ދެނީ ގައުމީ ޓީމުގައި ގިނަ ތަޖުރިބާތަކެއް ހުރި ކުރީގައި ގައުމީ ޓީމަށް ކުޅުނު އަހުމަދު ނިޔާޒެއެވެ.

ސެމީ ފައިނަލްގައި ހިރިޔާ އާއި މަޖީދިއްޔާ ސްކޫލް ކުޅޭ މެޗް އޮންނާނީ މިއަދު ހަވީރު 16:00 ގައި ހެންވޭރު ދަނޑުގައެވެ. އަދި ސެމީ ފައިނަލް ތަކުން މޮޅުވާ ދެޓީމް މި މުބާރާތުގެ ފައިނަލްގައި ބައްދަލުރާ މެޗް ކުޅޭނީ މިމަހު 24 ވާ ހޮނިހިރުދުވަހުއެވެ.

މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަނުންނަކީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ. ނަމަވެސް މިއަހަރު އެޓީމް ވަނީ ކުއާޓާ ފައިނަލްގައި މަޖީދިއްޔާ ސްކޫލް އަތުން ބަލިވެ މުބާރާތުން އަލްވަދާއު ކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑޮން އަހުމަދު

    މައިލޯ؟ ރިއަލީ؟ ތިއަށްވުރެ ސިއްހަތައް ފައިދާ ހުރި ބުއިމަކުން ސްޕޮންސަރ އެއް ނުލިބުނުތަ؟ ރެޑްބުލް އިންޓަރ ސުކޫލް ކޮންމެސް އެއްޗެއް އޮންނާނީ ކޮންއިރަކުންބާ ދެން؟