ލިވަޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ ކެޕްޓަން މުހައްމަދު ސަލާއަށް ދުނިޔޭގައި ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ވެވިދާނެ ކަމަށް ލިވަޕޫލްގެ ފަހަތް ބަލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ އެންޑީ ރޮބާޓްސަން ބުނެފިއެވެ.

ދި ސަން އަށް ދިން އިންޓަވިޔުއެއްގައި ރޮބާޓްސަން ބުނެފައިވަނީ ސަލާހް މިހާރު ކުޅެމުން ގެންދާ ގޮތަށް ކުޅެފިނަމަ އޭނާ އާއި ވާދަކުރެވޭ ވަރުގެ ކުޅުންތެރިޔަކު ނުހުންނާނެ ކަމަށެވެ. އަދި ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ނަގާފައި މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔަކީ ސަލާހްކަން ފާހަގަކުރަމުން ރޮބާޓްސަން ބުނީ މެސީ އަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ވެވުނީ ވަރަށް ގިނަ އަހަރުގެ މަސައްކަތުން ކަމަށެވެ.

" ސަލާހް އަކީ މޮޅު ކުޅުންތެރިއެއް. އޭނާ މީހާރު ކުޅެމުން އެގެންދާ ގޮތަށް މުސްތަގުބަލުގައިވެސް ކުޅެފިނަމަ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވުމަކީ ގާތް ކަމެއް" ރޮބާޓްސަން ބުނެފައިވެއެވެ.

ސަލާހް ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިރު އެންމެ ފަހުން ލިވަޕޫލް ކުޅުނު މެޗްގައި އޭނާ ވަނީ ވަޑްފޯޑުގެ ކޮޅަށް ލިވަޕޫލްއިން ޖެހި 5 ގޯލްގެ ތެރެއިން 4 ގޯލް ކާމިޔާބު ކޮށްދީފައެވެ. އަދި މި ސީޒަންގައި ޖަހާދީފައިވާ 36 ގޯލާއެކު ސަލާހު ވެފައިވަނީ މި ސީޒަންގައި ޔޫރަޕްގެ ބޮޑު 5 ލީގްގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާއަށް ވެފައެވެ.

ސަލާހް ލިވަޕޫލްއަށް އެއް ސީޒަން އެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑްވެސް މުގުރާލާފައިވާއިރު އޭނާއަކީ ކަޅު ނަސްލުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާވެސް މެއެވެ. ލިވަޕޫލްގައި ސަލާހް ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން ފުޓްބޯޅައިގެ ބޮޑެތި ކުލަބުތަކުން އަންނަނީ ސަލާހް ހޯދަން މަސައްކަތް ކުރަމުންނެވެ. އެގޮތުން ސްޕެއިންގެ ބާސެލޯނާއާއި ރެއާލްމެޑްރިޑްގެ އިތުރުން ފްރާންސްގެ ޕީއެސްޖީއިންވެސް އޮތީ ސަލާން ގެންނަން ތައްޔާރަށް ކަމުގައި މީޑިއާރިޕޯޓްތަށް ބުނެއެވެ. އަދި ބައެއް މީޑިއާ ރިޕޯޓްތަށް ބުނާ ގޮތުން ސަލާހް އެހެން ޓީމަކަށް ބަދަލުވާނީ ރެކޯޑް އަގަކަށެވެ.