އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީން ފުލްހަމް ބަލިކޮށް، ތާވަލުގެ އެއްވަނައިގައި ލިވަޕޫލަށް ޕްރެޝަރު ބޮޑު ކޮށްފިއެވެ.

ސިޓީއިން ފުލްހަމް ބަލިކޮއްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. 31 މެޗުން 77 ޕޮއިންޓް ހޯދާ ސިޓީން އެއްވަނަ އަށް ޖެހިލި އިރު، 31 މެޗުން 76 ޕޮއިންޓާއެކު ލިވަޕޫލް އޮތީ ދެވަނައިގައެވެ. ލީގުގައި ބާކީ ހަތް މެޗު އޮތް އިރު، ތަށީގެ ރޭސް ވަނީ ފޯރިގަދަކޮށްފައެވެ.

މިއަދުގެ މެޗުގައި ސީޓީން ފުރަތަމަ ގޯލް ޖަހާފައި ވަނީ މެޗްގެ ފަސްވަނަ މިނަޓްގައެވެ. އެގޯލް ޖެހީ ސާޖިއޯ އަގުއޭރޯ ތަނަސްވަށްކޮށްދިން ބޯޅައަކުން ބަނާޑޯ ސިލްވާއެވެ.

ސިޓީން ވަނީ މެޗްގެ ފުރަތަމަ 15 މިނަޓް ތެރޭގައި މޮޅަށް ކުޅެ، ގިނަ ހަމަލާތަކެއް ފުލްހަމްގެ ގޯލަށް ފޮނުވާފައެވެ. ސިލްވާ ދިން އެސިސްޓަކުން މެޗްގެ 27 ވަނަ މިނަޓްގައި ސިޓީން ދެވަނަ ގޯލެއްވެސް ޖެހިއެވެ. އެގޯލް ޖާހާދީފައި ވަނީ ސާޖިއޯ އަގުއޭރޯއެވެ. އަގުއޭރޯ ގޯލް ކާމިޔާބު ކޮއްދީފައިވަނީ އިދިކޮޅު ޓީމްގެ ގޯލްކީޕާރު ރިކޯގެ ބޯމަތިން ބޯޅަ ފޮނުވައިލައިގެންނެވެ. މެޗު ނިމިގެން ދިޔައީ ފުލްހަމްއަށް ސިޓީގޯލަށް މާ ބޮޑު ނުރައްކަލެއް ނުކުރެވިއެވެ.