އާޖެންޓީނާ އަދި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީގެ ދެ ގޯލާއެކު އެޓީމުން އެސްޕަނިޔޯލް ބަލިކޮށްފިއެވެ.

ލަލީގާގައި މިރޭ ކުޅުނު މެޗުނު މެޗުގައި ބާސާއިން އެސްޕަނިޔޯލް ބަލިކުރީ 2-0ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ލަލީގާގައި ކުޅުނު 29 މެޗުން 69 ޕޮއިންޓާއެކު އޮތް ބާސާއިން ލީގު ހޯދުމަށް އެއްވަނައިގައި އޮތީ 13 ޕޮއިންޓްގެ ލީޑެއްގައެވެ. ދެވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތް އިރު، ތިންވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ.

މިހާތަނަށް ލީގުގައި ކުޅުނު 29 މެޗުން 32 ގޯލް މެސީ ޖަހާފައިވާ އިރު، ޖުމްލަ މި ސީޒަންގައި މިހާރު ވަނީ 41 ގޯލް ޖަހައިފައެވެ. މިއީ 40 ގޯލް ހަމަކުރި 10 ވަނަ ސީޒަނެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ މެސީ އަންނަނީ މި ސީޒަންގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

މެޗުގެ ބޮޑު ބައިގައި ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު، މެޗުގެ ދެވަނަ ހާފްގައި ތަފާތު ގެނެސްދިނީ މެސީއެވެ. މެޗުގެ 71 ވަނަ މިނެޓުގައި އެސްޕަނިޔޯލް އޭރިއާ ބޭރު ކައިރިން ލިބުނު ހިިލޭ ޖެހުން، މެސީ ފޮނުވާލި އިރު، އޭނާ މަޑުމަޑުން ބޯޅަ ވައްޓާލީ ގޯލްގެ މަތީ ކަނަށެވެ.

މެޗު ނިމެން ދަނިކޮށް، މެލްކޮމްގެ ޕާހަކުން މެސީގެ ދެވަނަ ގޯލެއްވެސް ޖެހިއެވެ. އާޖެންޓީނާއި އިންޓަނޭޝަނަލް ބްރޭކްގައި ކުޅުނު ފުރަތަމަ މެޗުގައި ވެނުޒުއޭލާ އަތުން ބަލިވި އިރު، އެ މެޗުގައި މެސީއަށް އަނިޔާވެ، އެނބުރި ބާސާއަށް ގޮސްފައިވެއެވެ. އެކަމަށް އޭނާއަށް ފާޑު ކިޔުން އަމާޒުވެފައިވާ އިރު، މިރޭގެ މެޗުގައި މެސީ ނުފެންނާނެ ކަމަށްވެސް ބެލެވުނެވެ.