އިނގިރޭސި ޕްރިމިއާލީގުގައި ރޭ އާސެނަލްއިން ކުޅުނު މެޗުގައި ނިއުކާސަލް ބަލިކޮށް، ތާވަލުގެ ތިންވަނައަށް އެޓީމު ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު، އާސެނަލްއިން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން ހޯދި މޮޅާއެކު އާސެނަލް ވަނީ ކުޅުނު 31 މެޗުން 63 ޕޮއިންޓް ހޯދާފައެވެ. އެއީ ހަތަރުވަނައިގައި އޮތް ވާދަވެރި ޓޮޓެންހަމްއަށްވުރެ ދެ ޕޮއިންޓް ގިނައިންނެވެ. އަދި ފަސްވަނައިގައި އޮތް ޔުނައިޓެޑަށްވެސް ލިބިފައި ވަނީ ހަމަ 61 ޕޮއިންޓެވެ.

ރޭގެ މެޗުގައި އާސެނަލްގެ ގޯލްތައް، ލަކަޒެޓާއި، ރެމްސީ ކާމިޔާބުކޮށްދިން އިރު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާ، ވިދާލީ އޮޒިލްއެވެ. ބޮކްސިން ޑޭ މެޗަށްފަހު ރޭގެ މެޗަކީ އޮޒިލް ފުރަތަމަ 11އިން ފެނުނު ފުރަތަމަ މެޗެވެ. މީގެ ކުރިން އާސެނަލްގެ ކޯޗު އުނައި އެމަރީ ބުނެފައި ވަނީ އާސެނަލްގައި މަޑުކުރަން ބޭނުންވާނަމަ، އޮޒިލް ތަފާތު ދައްކަން ޖެހޭ ކަމަށެވެ. ހާއްސަކޮށް ފޯމް ހިފަހައްޓަން ޖެހޭ ކަމަށެވެ.

"އަހަރެން ހިތްހަމަ ޖެހޭ ހުރިހާ ކުޅުންތެރިންގެ ކުޅުމަށްވެސް. ހާއްސަކޮށް މެސުޓް (އޮޒިލް)ގެ ހުނަރާއި، ގާބިލިއްޔަތާއެކު އޭނާ ދަނީ ޓީމަށް އެހީވަމުން. އަހަރެން ބޭނުންވި ގޮތަށް އޮޒިލް ކުޅުނީ،" އުނައި އެމަރީ ބުންޏެވެ.

އުނައި އެމަރީ ބުނެފައި ވަނީ އަދިވެސް ގަދަ ހަތަރެއް ޔަގީން ނުވާ ކަމަށާއި، ޓޮޓެންހަމްއާއި ޗެލްސީ އަދި ޔުނައިޓެޑުން ކުރިއަށް އޮތް ހަތް މެޗުގެ ތެރެއިން ގިނަ މެޗުތަކެއް ކާމިޔާބުކުރާނެ ކަމަށެވެ. އެހެންކަމުންވެސް އެއްވެސް ވަރަކަށް ރިސްކް ނެގެން ނެތް ކަމަށްވެސް އޭނާ ބުންޏެވެ.