ގޮންޒާލޯ ހިގުއިން އަށް އިނގިރޭސި ފުޓްބޯޅަ އުނދަގުވި ކަމުގައިވިއަސް ފޯމަކަށް އެޅެން ވަގުތު ދެވެންނެތް ކަމަށް ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފިއެވެ.

ސްޕެއިންގެ ރިއަލްމެޑްރިޑްގައި މޮޅު ކުޅުމެއް ދައްކައި ވިދާލި ހިގުއިން މިދިޔަ ސީޒަންތަކުގައި އިޓަލީގެ ނަޕޯލީ އާއި ޔުވެންޓަސްގައި ވެސް މޮޅު ކުޅުމެއް ދެއްކި ނަމަވެސް މިސީޒަނުގައި އޭސީ މިލާނަށް ބަދަލުވެ ވަނީ ފޯމު ގެއްލިފައެވެ. ޖެނުއަރީ މަހު އޭނާ ޗެލްސީއަށް ގެނައީ ކޯޗު ސާރީގެ އިރުޝާދުގެ ދަށުން އޭނާ ކުރިން މޮޅު ކުޅުމެއް ކުޅެފައިވާތީ އެކަމަށް އިތުބާރުކޮށްފައެވެ.

އެކަމަކު މިހާރު ހިގުއިންގެ ފޯމް ވަނީ ކުރިއަށްތުރެ ދައްވެފައެވެ. މިކަން ޔަގީން ވަނީ އާދައިގެ 3 ޓީމްއާއި ދެކޮޅަށް ކުޅުނު 10 މެޗްގައި އޭނާ އަށް ޖެހިފައިވާ ތިން ގޯލުންނެވެ.

ސަރީ ބުނެފައިވަނީ ހިގުއިން އޭނާ ގާތު އުނދަގޫ ވާހަކަ ބުނިކަމަށާއި އެއީ މިތަނުގައި ޑިފެންޑަރުންގެ ފިޒިކަލް ބައި ވަރަށް ވަރުގަދަވެފައި، ރެފްރީން ވެސް ތަފާތުވާތީއެވެ. އެހެންވެ މިއީ އޭނާ އަށް މުޅިން ތަފާތު ފުޓްބޯޅައެއްކަމަށް އޭނާ ބުނެފައިވާކަމަށެވެ. އިތުރަށް ސަރީ ބުނެފައިވަނީ ހިގުއިން އަށް ވަގުތު ބޭނުންވާ ކަމަށާއި އެކަމަކު ވަގުތު ނެތުމާ އެކު ސީޒަންގެ ފަހު ދެ މަސް ދުވަހު އޭނާ އެންމެ މަތީ ފޯމުގައި ކުޅެން ބޭނުންވާ ކަމަށެވެ.

ފީފާއިން ޗެލްސީއަށް ކުޅުންތެރިން ނުގަނެވޭނެ ގޮތްހަދާފައި އޮތުމުގެ ސަބަބުން ހިގުއިންގެ ކޮންޓްރެކްޓް އަންނަ ސީޒަނުގައި ދާއީމީ ކުރުމުގެ ފުރުސަތު މިވަގުތު އެ ޓީމަކަށް ނެތެވެ.