އިނގިރޭސި ޕްރިމިއާލީގުގައި ރޭ ވޮލްވާހަމްޓަން އަތުން ބަލިވެ ގަދަ ހަތަރަކަށް އެރުމުގެ އުއްމީދު މެންޗެސްޓާ ޔުނައިޓެޑް އަށް ފަނޑުވެއްޖެއެވެ.

ރޭ ކުޅުނު މެޗަކީ ޔުނައިޓެޑްގެ އާ ކޯޗުގެ ވަޒީފާ އެ ކުލަބުން ދާއިމީ ކުރި ފަހުން ކުޅުނު ދެވަނަ މެޗެވެ. މި މެޗުން ބަލިވެފައި ވަނީ 2-1 ގެ ނަތީޖާ އަކުންނެވެ. މި މެޗުން ޔުނައިޓެޑް މޮޅުވިނަމަ ތާވަލުގެ 3 ވަނައަށް އަރާނެއެވެ. އެހެން ނަމަވެސް ބަލިވުމުގެ ސަބަބުން މިހާރު އޮތީ ތާވަލުގެ 5 ވަނައިގައެވެ. ކުރިއަށް ހުރި މެޗްތަކުގައި ރަނގަޅު ނަތީޖައެއް ނުނެރެވިއްޖެ ނަމަ އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުން ޖާގައެއް އެޓީމަކަށް ނުލިބޭނެއެވެ.

ރޭގެ މެޗްގައި ދެޓީމުން ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗްގެ ފުރަތަމަ ހާފްގެ ކުރީކޮޅު ޔުނައިޓެޑްގެ ޒުވާން މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭ ޔުނައިޓެޑަށް ލީޑު ނަގައިދިން ނަމަވެސް ވުލްވްސްއިން ވަނީ އިތުރު ގޯލެއް ޖެހުމުގެ ފުރުސަތު ނުދީ ހިފަހައްޓާފައެވެ.

ގިނަ ހަމަލާތަކެއް ވުލްވްސް އިން ޔުނައިޓެޑް ކޮޅަށް ފޮނުވާފައިވެއެވެ. މިގޮތުން ވުލްވްސް އިން ވަނީ ފުރަތަމަ ހާފުގެ 25 ވަނަ މިނަޓުގައި ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ގޯލް އެޓީމްއަށް ކާމިޔާބު ކޮއްދީފައިވަނީ މިދިޔަ މަހު އިނގިރޭސި އެފްއޭ ކަޕުން ވެސް ޔުނައިޓެޑް ކަޓުވާލި މެޗުގައި ގޯލު ޖެހި ޑިއޭގޯ ޔޮޓާއެވެ. މިޓީމްގެ ދެވަނަ ގޯލް އަކީ ޔުނައިޓެޑްގެ ޑިފެންޑަރު ކްރިސް ސްމޯލިންގް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ޔުނައިޓެޑްއަށް ރޭގެ މެޗްގައި އެންމެ ޕްރެޝަރު ބޮޑުވީ ދެވަނަ ހާފުގެ ކުރީ ކޮޅު އެ ޓީމުގެ ކެޕްޓަން އެޝްލީ ޔަންގަށް ދެއްކި ރަތް ކާޑަކުންނެވެ.

މި މެޗްގެ އިތުރުން ރޭ ވަނީ ޕްރިމިއާ ލީގުގައި އިތުރު މެޗެއް ވެސް ކުޅެވިގެން ގޮސްފައެވެ. ތާވަލުގެ އަށްވަނައިގައި އޮތް ވެޓްފޯޑުން ރެލިގޭޝަން ޒޯނުގައި އޮތް ފުލްހަމް ބަލި ކުރީ 1-4 ގެ ބޮޑު ނަތީޖާއަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު