ޓޮޓެންހަމް ހޮޓްސްޕާސްއިން އެ ކްލަބުގެ އާ ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ މެޗުގައި ކްރިސްޓަލް ޕެލެސް ބަލިކޮށް، ތިން ޕޮއިންޓް ހޯދައިފިއެވެ.

މިލިއަން ޑޮލަރު ހަރަދުކޮށްގެން ޓޮޓެންހަމްއިން އިމާރާތް ކުރި އާ ސްޓޭޑިއަމްގައި ޓެސްޓް މެޗެއް ހަފްތާ ތެރޭގައި ކުޅެފައިވާ އިރު، އެ މެޗުގައި ވާދަކުރީ އެ ކްލަބުގެ 18 އަހަރުން ދަށުގެ ޓީމެވެ. އާސެނަލްގެ އެމަރޭޓްސް ދަނޑަށްވުރެ ވެސް ޖާގައިގެ ގޮތުން ބޮޑު، އަދި ސްޓޭޑިއަމްގެ އަޑު ހިފެހެއްޓުމަށްވެސް ހާއްސަ ޑިޒައިނެއް އެކުލެވޭ އެ ދަނޑުގައި ސީނިއާ ޓީމުން ރޭ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގެ ކުރިން އާ ސްޓޭޑިއަމް ރަސްމީކޮށް ހުޅުވުމަށް ކުލަގަދަ ހަފްލާއެއް ބާއްވާފައިވާ އިރު، މެޗުގެ ފުރަތަމަ 45 މިނެޓް ފެނުނީ ޓޮޓެންހަމްއަށް އުނދަގޫ 45 މިނެޓްގެ ގޮތުގައެވެ. ފުރަތަމަ ހާފްގައި ގިނަ ހަމަލާތަކެއް ފެނިގެން ނުދިޔަ މެޗުގެ ދެވަނަ ހާފް ފެށިގެން މާ ގިނައިރެއް ނުވެ، ސްޓޭޑިއަމްގެ ތާރީހީ ފުރަތަމަ ގޯލް ޖެހީ އޭޝިއާގެ ދެކުނު ކޮރެއާއަށް ނިސްބަތްވާ ހިއުން މިއުން ސަންއެވެ.

މެޗު ޓޮޓެންހަމްއަށް މުހިއްމުވެފައި އޮތީ އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ފުޓުބޯޅަ ކުޅުމަށެވެ. ރޭގެ މެޗުން މޮޅުވެ ޓޮޓެންހަމް ތިންވަނައިގައި އޮތީ 32 މެޗުން 64 ޕޮއިންޓް ހޯދައިގެންނެވެ. ގަދަ ހަތަރަކަށް ވާދަކުރާ އާސެނަލްއިން 31 މެޗު ކުޅެ، 63 ޕޮއިންޓް ހޯދައިގެން އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. ފަސްވަނައިގައި ޗެލްސީ އޮތީ 32 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ.

ރޭގެ މެޗުގެ ދެވަނަ ގޯލް، މެޗުގެ 85 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ އެރިކްސަންއެވެ.