އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލްއިން ސައުތުހެމްޓަންއާ ދެކޮޅަށް ކުޅުނު މެޗު، 3-1ގެ ނަތީޖާއަކުން ކާމިޔާބުކޮށްފިއެވެ.

ރަށުން ބޭރުގައި ލިވަޕޫލް ރޭ ހޯދި މޮޅަކީ ޕްރިމިއާ ލީގުގެ ތަށްޓަށް މުހިއްމު މޮޅެކެވެ. އިނގިރޭސި ފުރަތަމަ ޑިވިޝަން، ޕްރިމިއާ ލީގަށް ރީބްރޭންޑް ކުރިފަހުން، ލީގު ނުލިބި އޮތް ލިވަޕޫލަށް ރޭގެ މެޗު މުހިއްމުވީ ތާވަލުގެ އެއްވަނައަށް ދިޔުމަށެވެ. ރޭގެ މެޗުން މޮޅުވެ، މިހާތަނަށް ކުޅުނު 33 މެޗުން 82 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި ސިޓީ އޮތީ ލިވަޕޫލަށްވުރެ މެޗެއް މަދުން ކުޅެ، 80 ޕޮއިންޓާއެކުގައެވެ.

އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ބޯޅައަކުން ސައުތުހޭމްޓަނަށް ލީޑު ނަގައިދިނީ ޝޭން ލޯންގެވެ. އޭނާގެ ގޯލުން ލީޑު ނަގައިގެން ކުޅެމުން ދަނިކޮށް، ހާފް ނިމުމުގެ ކުރިން ލިވަޕޫލުން ނަތީޖާ ހަމަހަމަ ކުރިއެވެ. އޭރިއާ ތެރޭގައި ހުރެ ނަބީ ކޭޓާ ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ވަން އިރު، އެ ގޯލަކީ ލިވަޕޫލް ޖާޒީގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ.

އެންމެ ފަހުގެ ޗެމްޕިއަން ސިޓީއަށްވުރެ ކުރިއަށް ޖެހުމަށް ލިވަޕޫލަށް މެޗުން ތިން ޕޮއިންޓް މުހިއްމު ވެފައި އޮތް އިރު، ދެވަނަ ހާފަށް ނުކުމެ، ލިވަޕޫލުން ރައްދު ދިނީ އެ ރޫހުގައެވެ. ގޯލެއް ނުޖެހި އެތައް މެޗެއް ކުޅުމަށްފަހު، ސަލާހްގެ އެނބުރިއައުން އޭނާ ފާހަގަކޮށްލީ ފުރިހަމަ ގޯލަކާ އެކުގައެވެ.

ހާފްގެ މެދެއްހާ ހިސާބުން ބޯޅަ ހިފައިގެން ގޮސް، ސަލާހް ހިތްގައިމު ކަމާއެކު ބޯޅަ ނިންމާލި އިރު، ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖޯޑަން ހެންޑަސަންގެ ގޯލުންނެވެ.