ޗެލްސީގެ ބެލްޖިއަމް ތަރި، އެޑެން ހަޒާޑް ރެއާލް މެޑްރިޑަށް ބަދަލުވާނެ ކަމުގެ ވާހަކަތަކަކީ މީގެ ދެ ސީޒަނެއް ކުރިންވެސް ޓްރާންސްފާ ބާޒާރުގައި އެންމެ އަޑު ގަދަކޮށް ދެކެވެމުން އައި ވާހަކައެވެ. ރަނގަޅު ފޯމެއްގައި ކުޅެމުންދާ ޗެލްސީއަށް ކުޅެމުންދާ ހަޒާޑް، މި ސީޒަނަށްފަހު ޗެލްސީ ދޫކޮށް، ރެއާލްއަށް ދާނެ ކަމަށް ގިނަ މީޑިއާއިން ޔަގީން ކަމަށް ދެއެވެ.

ހަޒާޑްވެސް ރެއާލްއަށް ބަދަލުވާނެ ކަމުގެ އިޝާރާތްތަކެއް ދީފައިވާ އިރު، ރެއާލްގެ ކޯޗަކަށް ޒިދާން ހުރުންވެސް ވެގެންދާނީ ހަޒާޑް ރެއާލްއަށް ބަދަލުވާނެ އެއް ސަބަބަކަށެވެ. ސްޕެއިންގެ އެންމެ އިތުބާރު ހިފޭ ނޫސް ކަމަށްވާ، މަރްކާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ހަޒާޑްގެ ޓްރާންސްފާގެ ހުރިހާ ވާހަތަކެއް މިހާރު ވަނީ ނިމިފައެވެ.

ޗެލްސީން ހަޒާޑް ނުވިއްކާނެ ކަމަށް ކުރިން ބުނި ނަމަވެސް، ރެއާލްގެ އާ ހުށަހެޅުންތަކަށް އެ ކްލަބުން އެއްބަސްވެފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މަރްކާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި ހަޒާޑްގެ އާއިލާއިން ސްޕެއިންއަށް ދާނެއެވެ. އަދި ސްޕެއިންއިން ހަޒާޑް އުޅޭނެ ގެއެއް ހޯދުމުގެ މަސައްކަތް ފަށާނެއެވެ. އާންމުކޮށް އެއް ކްލަބު ދޫކޮށް، އަނެއް ކަލަބަށް ކުޅުންތެރިންދާ އިރު، އެންމެ ފުރަތަމަ ކުރާނެ ކަމަކީވެސް ގެއެއް ހޯދުމެވެ.

ހަޒާޑް އަބަދުވެސް ބުނަމުން ދަނީ އޭނާގެ ހުވަފެނީ ކްލަބަކީ ރެއާލް ކަމަށާއި، ސްޕެއިންގެ ވެރި ރަށަށް ބަދަލުވާން އޭނާ އެންމެ ކުޑައިރުއްސުރެ ބޭނުންވާ ކަމަށެވެ.