މީގެ ކުރިންވެސް ގައުމީ ހާފް މެރަތަންގެ ރެކޯޑު އޮންނަ އެތުލީޓު، ޝިފާޒް މުހައްމަދު، އަމިއްލަ ރެކޯޑު އާކޮށްފިއެވެ.

މިއަދު ޗެކު ރިޕަބްލިކްގެ ވެރިރަށް ޕްރާގްގައި ކުރިއަށް ދިޔަ ހާފް މެރަތަންގައި ދުވ، ޝިފާޒް ރޭސް ނިންމީ އެއް ގަޑިއިރާ، 13 މިނެޓް ހަތަރު ސިކުންތުންނެވެ. އޭނާގެ ކުރީ ރެކޯޑަކީ އެއް ގަޑިއިރާ 14 މިނެޓް އެއް ސިކުންތުން ރޭސް ނިންމައިގެން ހަދާފައިވާ ރެކޯޑެކެވެ.

ގައުމީ މެރަތަން ރެކޯޑުވެސް މުގުރާނުލެވި އެތައް ދުވަހެއް ވަންދެން އޮތް އިރު، ޝިފާޒް ވަނީ ނުވަ މަސް ދުވަހުގެ ތެރޭ ތިން ފަހަރު އާކޮށްފައެވެ. އެ ރެކޯޑް އެންމެ ފުރަރަމަ މުގުރާލީ އޭނާގެ ހަޔާތުގައި ދުވި ފުރަތަމަ މެރެތަނުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނޭޕާލްގެ ކަތުމަންޑޫގައި 2 ގަޑި 40:47 މިނިޓުން ދުވެގެންނެވެ. އޭގެ ފަހުން މި އަހަރުގެ ޖެނުއަރީ މަހު ދުބާއީ މެރެތަންގައި 2 ގަޑި 39:40 މިނެޓުން ދުވެގެން ރެކޯޑް އާކުރުމަށް ފަހު ތިން ވަނަ ފަހަރަށް އާކުރީ ޖުލައި މަހު އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓް މެރަތަންގައި ވާދަކޮށް 2 ގަޑި 35:17 އިން ނިންމައިގެންނެވެ.

ރާއްޖޭގެ ދިގު ދުވުމުގައި އެންމެ ފާހަގަކޮށްލެވޭ އެތުލީޓް ޝިފާޒަކީ މިހާރު ކެންޔާގައި ތަމްރީނުތައް ފުރިހަމަ ކުރުމުންދާ އެތުލީޓެކެވެ. އޭނާ ދަނީ ތަމްރީނުތަކާއެކު ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ.