އޭނާ އަށް ވުރެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކު ނެތް ކަމަށް ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ދޭ "ބެލެންޑޯ" އެވޯޑު ފަސް ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ އަށް މި ސީޒަނުގެ ކުރީކޮޅު ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް މިއަހަރު ފެށުނުފަހުން އޭނާ އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.
އެގޮތުން ރޮނާލްޑޯ ވަނީ މިއަހަރުތެރޭ ރެއާލް އަށް ކުޅެދިން 13 މެޗުގައި 21 ގޯލު ކާމިޔާބުކޮށްފައެވެ.

މިދިޔަ އަހަރުގެ ޕޯޗުގަލްގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ރޮނާލްޑޯ ދާދިފަހުން ލިބިފައިވާއިރު "ފޯފޯޓޫ" މެގަޒިން އަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ވަނީ އޭނާ އަށް ވުރެ މޮޅު ކުޅުންތެރިއަކު ހުރި ކަމަށް ގަބޫލުނުކުރާ ކަމަށް ބުނެފައެވެ.

"އަބަދުވެސް ވިސްނަން ޖެހޭނީ ބޮޑުކޮށް. އަހަރެން އަބަދުވެސް ބުނަން އަދި ގަބޫލުވެސް ކުރަން އަހަންނަކީ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް. އަހަންނަށް ވުރެ މޮޅު ކުޅުންތެރިއަކު ނެތް. އަދި އެކަން ދަނޑު މަތީގަ ވެސް އަހަރެން ދައްކަން. ބަޔަކު އަދި ކޮންމެ އެއްޗެކޭ ކިޔަސް އަހަރެން ގަބޫލުކުރަނީ އެގޮތަށް" ރޮނާލްޑޯ ބުންޏެވެ.

ޕޯޗުގަލްގެ މޮޅު ކުޅުންތެރިއާގެ މަގާމު ރޮނާލްޑޯ އަށް ލިބުނު އިރު އޭނާ ވަނީ މިދިޔަ އަހަރަކީ ވަރަށް ކާމިޔާބު އަހަރެއް ކަމަށް ބުނެފައެވެ.

"މިދިޔަ އަހަރަކީ ވަރަށް ކާމިޔާބު އަދި ހުވަފެނީ އަހަރެއް. ފަސް ތަށްޓެއް (ޗެމްޕިއަންސް ލީގު، ސްޕެނިޝް ލީގު، ޔޫއެފާ ސުޕަރ ކަޕް، ފީފާ ކްލަބް ވޯލްޑް ކަޕް އަދި ސްޕެނިޝް ސުޕަރ ކަޕް) މިދިޔަ އަހަރު އަހަރެން ކާމިޔާބުކުރިން. އަދި ބެލެންޑިއޯ އާއި ފީފާގެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ލިބުނު. މި ކާމިޔާބީތަށް އަހަރެންގެ ހަތަރު ކުދިންނަށާއި ޓީމުގެ ކުޅުންތެރިންނަށް ހާއްސަ ކުރަން" ރޮނާލްޑޯ ބުންޏެވެ.

ރެއާލް އާއެކު މިދިޔަ ސީޒަނުގައި ގިނަ ކާމިޔާބީތަކެއް ރޮނާލްޑޯ ހޯދި ނަމަވެސް މި ސީޒަނުގައި އެޓީމާ އެކު އޭނާ އަށް ކާމިޔާބު ކުރެވެން އޮތީ އެންމެ ތަށްޓެކެވެ. އެއީ ޗެމްޕިއަންސް ލީގެވެ. އެ މުބާރާތުގެ ކުއާޓާފައިނަލަށް ރެއާލް ދަތުރުކޮށްފައިވާއިރު ކުއާޓާގައި އެޓީމު ބައްދަލުކުރާނީ ޔުވެންޓަސްއާއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އާނިޒާ / މާލެ

    ހަބޭސް

  2. އަޒީ

    އެވެސް ދޮގު ވާހަކައެއްނޫން.. އަބަދުވެސް ޗެމްޕިޔަންސް ލީގް މެޗްތަކުގަ ގިނަގޯލް ތަކެއްޖަހާ މޮޅު ކުޅުމެއްދައްކާ... އޭގެ އަނެއްކޮޅު އަހަރެންގެ ސުޕަ މެސީ.. ޗެމްޕޔަންސްލީގުގަ ގޯލް ޖެހުމުގެ ރޭޓްވެސްދައް.. އދި ކުޅުމުގެ ފެންވަރުވެސް ދައް... އެނީ ވޭސް މެސީ އަކީ އަހަރެންގެ ފޭވަރިޓް...

  3. ހުސޭނުބޭ

    ކަލެޔަށް އަދި މަގޭ މޮޅުކަން ނޭގެނީ. މަ ފުޓްބޯޅަ ކުޅޭނަމަ ރޮނާލްޑޯއަށް ކުޅިދައްކާލީމުސް.

  4. އަންވަރު

    މީ ދަ ގްރޭޓް ވީމާ ވަރަށް ފޫހިވޭ