އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި އެވަޓަން އަތުން ބަލިވެ، އާސެނަލްއަށް ގަދަ ހަތަރެއްގެ އުންމީދު ކުޑަވެއްޖެއެވެ.

އެވަޓަންގެ ދަނޑުގައި މިރޭ އާސެނަލް ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. ލީގުގައި ބާކީ ފަސް މެޗު އާސެނަލްއަށް އޮތް އިރު، އެޓީމު ހަތަރު ވަނައިގައި އޮތީ 32 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ. ޗެލްސީންވެސް 32 މެޗުން 63 ޕޮއިންޓް ހޯދާފައިވާ އިރު، އާސެނަލްއަށް ހަތަރުވަނަ ލިބެނީ ގޯލްގެ ތަފާތުންނެވެ.

މިރޭގެ މޮޅާއެކު އާސެނަލްއަށް ތިންވަނައަށް ޖެހިލެވެން އޮތް ނަމަވެސް، އެޓީމަށް އެ ފުރުސަތު ވަނީ ގެއްލިފައެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފްގައި އާސެނަލްގެ ފަރާތުން ފެނުނީ ފާހަގަކޮށްލެވޭ ދަށް ކުޅުމެކެވެ. މެޗުގެ 10 ވަނަ މިނެޓުގައި އެވަޓަންގެ ކެޕްޓަން ފިލް ޖެކިއެލްކާ ވަނީ އެވަޓަންއަށް ލީޑުވެސް ނަގައިދީފައެވެ.

ރަނގަޅު ނަތީޖާއެއް ނެރެން މަޖުބޫރުވެފައި އޮތް މެޗެއްގައި އާސެނަލް ފެނުނީ ވަނދުކޮށެވެ. އެންމެ އެދެވޭ ފުރުސަތުތަކެއް ތަނަވަސް ކުރެވިފައިނުވާ އިރު، އާސެނަލް ދެވަނަ ހާފަށް ނުކުމެ، ކުޅުން ރަނގަޅު ކުރިއެވެ. އެހެން ނަމަވެސް ޕިކްފޯޑް ޓެސްޓް ކޮއްލޭވަރުގެ ފުރުސަތެއް އެޓީމަށް ތަނަވަސް ކުރެވުފައެއް ނުވެއެވެ. އަނެއް ކޮޅުން އެވަޓަން ފެނުނީ ހަމަލާތައް ގިނަ ކުރަމުން ދިޔަތަނެވެ.

އެވަޓަންގެ ކުރިއަށް ކުޅޭ ރިޗާލްސަންއާއި ބާނާޑަށްވެސް ފަހު ކޮޅުގައި ރަނގަޅު ފުރުސަތުތަކެއް ލިބިފައިވާ އިރު، ގިލްފީ ސިގަޑްސަންއަށް ލިބުނު ފުރުސަތު އޭނާ ނާކާމިޔާބު ކޮށްލިއެވެ.