ދިރާގު މަމެން އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ވިލާ އިންޓަނޭޝަނަލް ހައިސްކޫލުން ހޯދައިފިއެވެ.

މިދިޔަ އަހަރު މުބާރާތުގެ ފައިނަލްގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އަތުން ވިލާ ބަލިވި އިރު، ރޭގެ ފައިނަލްވެސް ފެނިގެންދިޔައީ ފޯރިގަދަކޮށެވެ. ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ސީއެޗްއެސްސީއާ ވިލާ ވާދަކުރި އިރު، ދެޓީމުގެ ސަޕޯޓަރުންވެސް ވަނީ ފޯރިއާއެކު ދަނޑުގައި އަޑު ހަރުކޮށްލާފައެވެ.

ރޭ ކުޅުނު މެޗު، ވިލާއިން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗާއި، ނިންމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

މެޗުގެ ކުރީކޮޅުގައިވެސް ވަރުގަދަކޮށް ފެށީ ވިލާއިންނެވެ. ހާއްސަކޮށް ސީއެޗްއެސްސީގެ ޑިފެންސް ލައިންއިން ހެދުނު ގޯސްތަކުގެ ފައިދާ ނަގައި، ވިލާއިން ވަނީ ގޯލެއް ޖެހުމާ ގާތް ކޮށްފައެވެ. އެހެެން ނަމަވެސް ވިލާގެ ގޯލްކީޕަރުގެ ހުޝިޔާރް ސޭވްތަކެއް ފުރަތަމަ ކޮޅުގައި ފެނިފައިވެއެވެ.

ފުރަތަމަ ހާފްގައި ވަރުގަދަކޮށް ކުޅުނު ވިލާއިން ލީޑު ނެގީ ހާފް ނިމެން ދަނިކޮށް ލިބުނު ޕެލެޓީއަކުންނެވެ. އަހުމަދު ސަމާހް ޕެނެލްޓީ ކާމިޔާބު ކޮށްދިން އިރު، ދެވަނަ ހާފަށް ނުކުމެވެސް މޮޅަށް ކުޅުނީ ވިލާއިންނެވެ. ނަތީޖާއެއްގެ ގޮތުން އަބްރާހީމް އިމްރާންގެ ގޯލާއެކު އެޓީމުން ނަތީޖާ ފުޅާކޮށް، ތަށި ޔަގީން ކުރިއެވެ.

ރޭގެ މެޗާއި، ނިންމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

މެޗަށްފަހު ޗެމްޕިއަން ޓީމަށް ތަށްޓާއި މެޑަލް ހަވާކޮށްފައިވާ އިރު، މުބާރާތުގެ މަގާމުތަކަށް ވަނީ ޓްރޮފީ ހަވާލުކޮށްފައެވެ. ފައިނަލް މެޗު ޝަރަފުވެރި ކޮށްދެއްވީ އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދެވެ.

މުބާރާތުގެ ޑްރީމް ޓީމު ހޮވާފައިވާ އިރު، ޑްރީމް ޓީމުގައި ވިލާގެ ހަ ކުޅުންތެރިން ހިމެނިފައިވެއެވެ. އެއީ އިބްރާހީމް އިމްރާން، އަސްމާއީލް މިމްރާހް، އަހުމަދު ސަމާހް އަދި މުހައްމަދު ލޫތު އަދި ހަމްދޫން އަބްދުލްލަތީފްގެ އިތުރުން ގޯލްކީޕަރު ހަސަން އަލީފެވެ. ޑްރީމް ޓީމުގައި ސީއެޗްއެސްސީން ހިމެނިފައި ވަނީ މުހައްމަދު މާއިޝް، މުހައްމަދު މިންވާލް އަދި އިސްމާއީލް ރިޔާޝްއެވެ.

ދެން ހިމެނިފައި ވަނީ ގާޒީ ސްކޫލްގެ މިޖުދާފް އަދި އަހުމަދިއްޔާގެ މުހައްމަދު ރަޒާނެވެ. އެންމެ ގިނަ ގޯލް ޖަހާފައި ވަނީ 12 ގޯލް ޖެހި ސީއެޗްސީގެ ފޯވަޑް މާއިޝްއެވެ.