ދިވެހި ގައުމީ ޓީމްގެ މެނޭޖަރުގެ މަގާމާއި ހަވާލު ވެގެން ހުރި މުހައްމަދު އީސާ (މޯ) އިސްތިއުފާ ދީފިއެވެ.

މޯ ވަނީ އޭނާ އިސްތިއުފާ ދިން ވާހަކަ އެފްއޭއެމްއަށް މިއަދު އަންގާފައެވެ. އީސާ ބުނެފައިވަނީ އޭނާ އިސްތިއުފާ ދެއްވީ ހިދުމަތްތަކެއް ކޮއްދެވުމާއި އެކީ ފުޓްބޯޅައިގެ އެހެން ދާއިރާއެއްގައި ކުރިއަށް ދިއުމުގެ ވިސްނުން ހުރުމުން ކަމަށެވެ.

ކުރިން ޓީސީގެ މެނޭޖަރު ކަން ކޮއްފައިވާ އީސާ ވަނީ 2016 ގައި ބަނގުލަދޭޝްގައި ބޭއްވި ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް މުބާރާތުގެ ޗެމްޕިއަންކަން ޓީސީ ހޯދިއިރު އެ މުބާރާތުގައި ޓީސީއާއެކު މަސައްކަތް ކޮށްފައެވެ. އީސަ ވަނީ ގައުމީ ޓީމުން މިފަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު، އެޓީމުގެ މެނޭޖަރު ކަމުގައި މުހިއްމު ރޯލެއް އަދާކޮށްފައެވެ. މޯއަކީ މެނޭޖަރެއްގެ ހައިސިއްޔަތުން ބައިނަލްއަގްވާމީ ދެ މުބާރާތެއްގެ މެޑަލް ކަރުގައި އަޅުވާލި ފުރަތަމަ ދިވެއްސެއްގެ ޝަރަފު ހޯދާފައިވާ ކާމިޔާބު މެނޭޖަރެކެވެ.

މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ގައުމީ ޓީމް އިން ކާމިޔާބު ކުރި އިރު އީސާ ވަނީ ޓީމްގެ އެއްބައި ވަންތަކަން ހިފެހެއްޓުމަށް ބޮޑު މަސައްކަތެއް ކޮއްދީފައެވެ.