އަންނަ ސީޒަންގައިވެސް ޓީސީ ސްޕޯޓްސް ކްލަބުގެ ގޯލްކީޕަރަކަށް ނޭޕާލް ގައުމީ ޓީމުގެ ގޯލްކީޕަރު ލިމްބޫ ކިރަން ކުމާރު ގެންނަން ނިންމައިފިއެވެ.

މިދިޔަ ސީޒަންގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ގޯލްކީޕަރަކަށްވެސް ހޮވުނު ކިރަންއަކީ، ޓީސީއަށް ލީގު ހޯދުމުގައިވެސް މުހިއްމު ރޯލެއް އަދާކުރި ފަރާތެކެވެ.

ނޭޕާލަށް އުފަން ކިރަން ވަނީ މި އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ކުރިންވެސް މިދިޔަ އަހަރުވެސް ޓީސީއަށް ކުޅެފައެވެ. އެގޮތުން އެފަހަރު ކިރަން ވަނީ ޓީސީއާއެކު ބަންގްލަދޭޝްގެ އިންވިޓޭޝަނަލް މުބާރާތެއް ކަމަށްވާ ޝެއިހް ކަމާލް އިންޓަނޭޝަލް ކަޕް ހޯދައިފައެވެ.

އެ މުބާރާތަށްފަހު ކިރަން އިންޑިއާގެ އައިލީގުގެ މިނެރާވް ޕަންޖާބަށް ކުޅުނު އިރު، އޭނާ ވަނީ 2017-18 ވަނަ އަހަރުގެ އައިލީގުވެސް އެޓީމާއެކު ކާމިޔާބުކޮށްފައެވެ. ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލްގެ ގޯލް ބެލެހެއްޓުމުގައިވެސް މޮޅު ކުޅުމެއް ދެއްކި ކިރަން އަކީ ނޭޕާލްގެ ތާރީހުގައިވެސް ފާހަގަކޮށްލެވޭ ކުޅުންތެރިޔެކެވެ.

އުމުރުން 28 އަހަރުގެ ނޭޕާލް ގޯލްކީޕަރު ކިރަންއާއެކު ޓީސީން ލީގު އުފުލާލި އިރު، ޓީސީ ވެފައި ވަނީ ރާއްޖޭގެ ލީގު އުފުލާލީ ހަވަނަ ކްލަބަށެވެ.

މީގެ ފަސް އަހަރު ކުރިން ތިންވަނަ ޑިވިޝަންގައި ވާދަކުރި ޓީސީން ފުރަތަމަ ފަހަރަށް ފުރަތަމަ ޑިވިޝަން ކުޅެފައި ވަނީ 2015 ވަނަ އަހަރުގައެވެ. އެޓީމުން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވީ 2014 ވަނަ އަހަރު ދެވަނަ ޑިވިޝަންގެ ތަށި ހޯދާ، ޕްލޭ އޮފް ކުޅެގެންނެވެ.

އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން، ޓީސީން ވަނީ މުހިއްމު ބައެއް ކުޅުންތެރިން ޓީމަށް ގެންގޮސްފައެވެ. އެގޮތުން މާޒިޔާއަށް މިދިޔަ ސީޒަންގައި ކުޅުނު އިސްމާއީލް އީސަ (މެސީ)އާއި ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ (އަކޫ)ވެސް އަންނަ ސީޒަންގައި ފެންނާނީ ޓީސީންނެވެ.