ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ބާސެލޯނާއިން މެންޗެސްޓާ ޔުނައިޓެޑް ބަލިިކޮށްފިއެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑުގައި ކުޅުނު މެޗުން ބާސާ މޮޅުވީ 1-0ގެ ހަނި ނަތީޖާއަކުންނެވެ. ބާސާއަށް މެޗުން ލިބުނު އެންމެ ބޮޑު ފައިދާއަކީ ރަށުން ބޭރުގައި ގޯލެއް ޖެހުމެވެ.

ފެވަރިޓުންގެ ގޮތުގައި މެޗަށް ނުކުތީ ބާސާއިންނެވެ. މިދިޔަ 10 ވަރަކަށް އަހަރު ތެރޭގައި ޔޫރަޕްގެ އެންމެ ވަރުގަދަ އެއް ކްލަބުގެ ގޮތުގައި އޮތް ބާސާ ނުކުތީ، ވެއްޓުމަކަށްފަހު އަނބުރާ ޔޫރަޕްގެ މަތީ ފަންތިއަށް ދަތުރު ފަށާފައިވާ ޔުނައިޓެޑަކާ ދެކޮޅަށެވެ. މެޗުގެ ކުރިން، އެންމެ ގިނަ ބަޔަކު ކުރަމުންދިޔަ ސުވާލަކީ ޔުނައިޓެޑުން މެސީ ހިފަހައްޓާނެ ގޮތަކާ މެދު ކުރެވުނު ސުވާލެވެ.

ޔުނައިޓެޑް ޑިފެންޑަރު، ކްރިސް ސްމޯލިން ބުނެފައި ވަނީ މެސީ ހިފެހެއްޓުމަށް އޭނާ ތައްޔާރަށް ހުރި ކަމަށެވެ. ރޭގެ މެޗުގައި މެސީގެ ކުޅުން ދަށްކޮށް ފާހަގަކޮށްލެވުނު އިރު، މެޗުގެ ކުރީކޮޅުގައި ސްމޯލިންގެ އަތުން ޖެހި، މެސީގެ މޫނު މަތި ފަޅައިގެންވެސް ދިޔައެވެ.

ބާސާއިން އެޓީމު އާންމުކޮށް ކުޅެމުންދާ ޕާސިން ގޭމް ކުޅުނު އިރު، ޔުނައިޓެޑުން ބެލީ ކައުންޓާ އެޓޭކްގައި ހަމަލާ އުފެއްދުމަށެވެ. ހާއްސަކޮށް ޔުނައިޓެޑްގެ މެދުތެރެއިން ވަނީ ބާސާ ހިފެހެއްޓުމުގައި މުހިއްމު ރޯލެއް ކުޅެފައެވެ. މެޗުގެ 12 ވަނަ މިނެޓުގައި ބާސާ ލީޑު ނެގިއެވެ. މެސީގެ ރީތި ބޯޅައަކުން ޝުއަރޭޒްއަށް ރަނގަޅު ފުރުސަތެއް ފަހި ކޮށްދިން އިރު، އޭނާ ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ލޫކް ޝޯގެ ގައިގައި ޖެހި މިސްރާބު ބަދަލު ވެގެންނެވެ.

ލީޑު ނެގުމަށްފަހުވެސް ފުރަތަމަ ހާފްގައި ބާސާގެ އިތުރު ހަމަލާއެއް ނުރައްކާތެރިކޮށް ފެނުނެވެ. ކުޓީނިއޯއަށް ފަހިވި ފުރުސަތު މަތަކޮށް، ޔުނައިޓެޑް ސަލާމަތް ކޮށްދިނީ ޑެހެއާއެވެ.

ދެވަނަ ހާފްގައި ޔުނައިޓެޑުން ކުޅުން ރަނގަޅު ކުރިއެވެ. ކުރިއަށް ޖެހި ކުޅުނު ނަމަވެސް، މަދުވީ ނުރައްކާތެރި ހަމަލާއެކެވެ. ދެވަނަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައިނުވާ އިރު، ބާސާއިން އެންމެ ގޯލަކާއެކު ދެވަނަ ލެގަށް ފުއްދާލިއެވެ.