ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި އަޔެކްސްއިން ވަރުގަދަ ޔުވެންޓަސް ހިފަހައްޓައިފިއެވެ.

އަޔެކްސްގެ ޔޯހަން ކްރައިފް އެރީނާގައި ރޭ ކުޅުނު މެޗު 1-1އިން އެއްވަރު ވެގެން ނިމުނު އިރު، ރޮނާލްޑޯ ވަނީ އޭނާގެ ރެކޯޑު މައްޗަށް ޖައްސާލާފައެވެ.

1996 ވަނަ އަހަރަށްފަހު، ޔުވެންޓަސްއަށް ޗެމްޕިއަންސް ލީގެއް ކާމިޔާބު ނުވެ އޮތް ނަމަވެސް، އެޓީމު ވަނީ ފަސް އަހަރު ތެރޭގައި ދެފަހަރަށް ފައިނަލް ކުޅެފައެވެ. މިފަހަރުގެ ޗެމްޕިއަންސް ލީގަށް ޔުވެންޓަސް ނުކުތީ އެކަން ނިންމުމަށް ވަރުގަދަ ހަތިޔާރަކާއެކުގައެވެ. މިހާތަނަށް ޖުމްލަ ފަސް ފަހަރު ޗެމްޕިއަންސް ލީގު ހޯދާފައިވާ ރޮނާލްޑޯއާ އެކުގައެވެ.

މިދިޔަ ތިން އަހަރުވެސް ރެއާލްއާއެކު ޗެމްޕިއަންސް ލީގު ހޯދި ރޮނާލްޑޯ، ޔުވެންޓަސް ކުއާޓާއަށް ގެންގޮސް ދިނުމުގައި މުހިއްމު ރޯލެއް އަދާކޮށްފައިވެސް ވެއެވެ. ކުއާޓާގައި ޔުވެންޓަސް ނުކުތީ މިއަހަރުގެ ޗެމްޕިއަންސް ލީގުގައި ތަފާތު ދައްކަމުން އަންނަ ޒުވާން އަޔެކްސް ޓީމާ ދެކޮޅަށެވެ.

އެންމެފަހުން ތިން އަހަރުވެސް ޗެމްޕިއަން، ރެއާލް މެޑްރިޑް ކަޓުވާލި އަޔެކްސް ރޭގެ މެޗުވެސް ފެށީ ޖެހުލުމެއް ނެތިއެވެ. ވަރުގަދަ ޔުވެންޓަސްގެ މައްޗަށް ގަދަވެ، ޕާސިން ގޭމެއް އަޔެކްސްއިން ކުޅުނު އިރު، ޔުވެންޓަސްއިން ލީޑު ނެގީ މެޗުގެ އޮއެވަރާ ދެކޮޅަށެވެ. ހާފް ނިމެން ދަނިކޮށް، ޔުވެންޓަސްއަށް ލީޑު ނަގައިދިނީ ރޮނާލްޑޯގެ "ބުލެޓް ހެޑާ"އަކުންނެވެ.

މިހާތަނަށް ޗެމްޕިއަންސް ލީގުގައި ކުޅުނު 161 މެޗުން 125 ގޯލް ރޮނާލްޑޯ ޖަހާފައިވާ އިރު، އޭނާއަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައިވެސް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއެވެ. އެންމެ ގާތުން ވާދަކުރަމުން އަންނަނީ 108 ގޯލް ޖަހާފައިވާ މެސީއެވެ.

ދެވަނަ ހާފްވެސް ވަރުގަދައަށް ފެށީ އަޔެކްސްއިންނެވެ. ހާފްގެ ފުރަތަމަ މިނެޓުގައި ނަތީޖާ ހަމަހަމަވެސް ކުރިއެވެ. ޑޭވިޑް ނެރޭސް ފޮނުވާލި ހިތްގައުމި ހަމަލާ އަމާޒުވީ ގޯލްގެ ކަނަށެވެ.

ޑަގްލަސް ކޯސްޓާގެ ހަމަލާއެއް ގޯލްގެ ދަނޑިއަށް އަމާޒުވުން ފިޔަވާ އިތުރު ގިނަ ހަމަލާތަކެއް ނުފެނި މެޗު ނިމުނި އިރު، އަޔެކްސްއަށް ނަތީޖާއާ ދޭތެރޭ ހިތްހަމަ ޖައްސާލެވިދާނެއެވެ. ރޮނާލްޑޯއާއި ޔުވެންޓަސްއަށް ނަތީޖާ ނެރެން ޖެހިފައި ވަނީ ދެވަނަ ލެގުގައެވެ. ޔުވެންޓަސްގެ ދަނޑުގައި އޮންނަ މެޗު އޮންނާނީ އޭޕްރީލް 16ގައެވެ.