ޓޮޓެންހަމްގެ ފޯވަޑް، އަދި އިންގްލެންޑް ގައުމީ ޓީމުގެ ކެޕްޓަން ހެރީ ކޭންއަށް ލިބުނު އަނިޔާއާ ގުޅިގެން، ދެން މި ސީޒަންގައި ކުޅުމުގެ ޗާންސް ނެތް ކަމަށް ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ކޭންގެ ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ވަނީ ބަދަލުކުރަން ޖެހިއެވެ. އެ މެޗު ޓޮޓެންހަމްއިން 1-0ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި އޮތް ނަމަވެސް، ދެވަނަ ލެގަށް އޮތް އެންމެ ބޮޑު މާޔޫސް ކަމަކީ ފޯވަޑް ކޭންއަށް އަނިޔާވުމެވެ.

ކޭން ފައިގެ ކަކުލުގެ ލިގަމެންޓަށް ގެއްލުން ލިބިފައިވާ އިރު، ޕޮޗެޓީނޯ ބުނެފައި ވަނީ ކޭން އަންނަނީ ފިޓްވުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ނަމަވެސް، އޭނާ ފިޓްވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

"ކޭން އަންނަނީ ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުން. ފިޓްވާނެ ކަމަށް އުންމީދު ކުޑަ. އެކަމަކުވެސް މިދަނީ ބަލަމުން. ދެން އޮތީ ފަސް ހަފްތާ، އެހެންވީމަ މި ސީޒަންގައިވެސް ދެން ފެންނާނެ ކަމަށް ނުބެލެވޭ. އަންނަ ހަފްތާގައި ސްޕެޝަލިސްޓަކަށް ދައްކާނަން. ކޭން ފިޓް ކުރެވެން އޮތް ހުރިހާ މަސައްކަތަކެއް ދަނީ ކުރެވެމުން،" ޕޮޗެޓީނޯ ބުންޏެވެ.

މި ސީޒަންގައިވެސް 24 ގޯލް ޖަހާފައިވާ ކޭންގެ އިތުރުން ޓޮޓެންހަމްގެ ޑެލީ އަލީއަށްވެސް ވަނީ އަނިޔާވެފައެވެ. އޭނާގެ އަތްދިލައިގެ ކަށިގަނޑެއްގައި ރެނދު އަޅާފައިވާ އިރު، ދެވަނަ ލެގުގެ މެޗުގައި އަލީވެސް ކުޅޭނެ ކަމާމެދު ޝައްކެވެ.