ނޭޕާލް ގައުމީ ފުޓްބޯޅަ ޓީމުގެ ތަރި ބިމަލް ގާތީ މަގަރު ރާއްޖޭގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ގެންނަ ގޮތަށް ހަަމަޖެހިއްޖެއެވެ.

ނޭޕާލްގެ ގައުމީ ޓީމުގެ ގޯލްކީޕަރު ކިރަން ކުމާރުވެސް ކުޅެމުން އަންނަ ޓީސީން ވަނީ ބިމާލް ގެނައުމުގެ ހުރިހާ ކަމެއް ނިންމާފައެވެ. އެނގިފައިވާ ގޮތުގައި، އަންނަ ސީޒަނަށް ފަރިތަކުރުންތައް ފަށާއިރު، ބިމާލް އެ ކްލަބާ ގުޅޭނެއެވެ.

މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައިވެސް ވިދާލި ބިމާލްއަކީ މުޅި ދެކުނި އޭޝިއާގައިވެސް އެންމެ އުންމީދީ އެއް ކުޅުންތެރިޔާއެވެ.

އޯލް ނޭޕާލް ފުޓުބޯޅަ އެސޯސިއޭޝަންގެ އެކަޑެމީން ކެރިއަރު ފެށި ބިމާލް ގާތީގެ އުމުރުން 16 އަހަރުގައި އޭނާ ވަނީ ހޮލެންޑްގެ ދެވަނަ ޑިވިޝަން ޓީމެއް ކަމަށްވާ އެފްސީ ޓްވެންޓޭގެ ޓްރަޔަލްއެއްގައި ދެ ހަފްތާ ހޭދަކޮށްފައެވެ. އެ ދެހަފްތާ ތެރޭގައި އެ ކްލަބުގެ 19 އަހަރުން ދަށުގެ ޓީމުން ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ހަތަރު ގޯލް ޖަހައި އޭނާ ވިދާލާފައިވާ އިރު، ކްލަބުގެ އިތުރުން ޔޫރަޕްގެ ވަރުގަދަ ބާރުތަކުންވެސް އޭނާ ހޯދަން މަސައްކަތް ކުރިއެވެ. އޭގެ ތެރެއިން އެއް ކްލަބަކީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑެވެ.

ސާފް ސުޒުކީ ކަޕް 2018: ބަނގްލަދޭޝް އަދި ނޭޕާލް ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ޔޫރަޕްގައި 18 އަހަރުން ދަށުގެ ކުޅުންތެރިން ގެންދިއުމުގެ ގަވާއިދާއި، އެގައުމުތަކުގައި 18 އަހަރު ނުފުރޭ ކުޑަކުދިންގެ ވަޒީފާގެ ގަވާއިދުތައް އޮންނަ ގޮތުން އޭރު ބިމާލް ގާތީއަށް ޔޫރަޕްގައި ފައި ހަރުކޮށްލެވޭ ގޮތެއް ނުވިއެވެ. އެހެން ނަމަވެސް، 2014 ވަނަ އަހަރު ބިމާލް ގާތީއަށް ވިސާ ހަމަޖެހި، އެއްބަސްވުމަކާއެކު އޭނާ ބެލްޖިއަމްގެ ކްލަބެއް ކަމަށްވާ އަންދަރުލެޗްގެ 16 އަހަރުން ދަށުގެ ޓީމާ ގުޅުނެވެ.

ބެލްޖިއަމްގެ ފުރަތަމަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ އަންދަރުލެޗްގެ ޒުވާން ޓީމުގައި އޭނާ އެއް އަހަރު ހޭދަކުރި އިރު، ތިން މުބާރާތެއްގައި ކުޅެފައިވެއެވެ. ޔޫރަޕްގެ ތަޖުރިބާއާއެކު އެނބުރި އެގައުމުގެ ލީގަށް އައިސް ވިދާލި ބިމާލް ގާތީ ވަނީ 2016 ވަނަ އަހަރުގެ ސީޒަންގައި ހޭދަކުރީ އިންޑިއާގެ މޯހުން ބަގާންގައެވެ.

އެންމެފަހުންވެސް އަމިއްލަ ގައުމުގެ ލީގަށް ކުޅުނު ބިމާލްއާއެކު ޓީސީން އިތުރަށް ވަރުގަދަވާނެ ކަމަށް ބެލެވެއެވެ.

ޓީސީއަށް މިދިޔަ ސީޒަންގައި މުހިއްމު ރޯލެއް އަދާކޮށްދިން އަލީ އަޝްފާގު (ދަގަނޑޭ) ގްރީން ސްޓްރީޓްސްއަށް ސޮއި ކޮށްފައިވާ އިރު، މެދުތެރެއަށް ކުޅޭ އިބްރާހީމް ވަހީދު (އިއްބެ) އާއި އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ވަނީ މާޒިޔާއަށް ބަދަލުވެފައެވެ.

އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން، ޓީސީން ވަނީ މުހިއްމު ބައެއް ކުޅުންތެރިން ޓީމަށް ގެންގޮސްފައެވެ. އެގޮތުން މާޒިޔާއަށް މިދިޔަ ސީޒަންގައި ކުޅުނު އިސްމާއީލް އީސަ (މެސީ)އާއި ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ (އަކޫ)ވެސް އަންނަ ސީޒަންގައި ފެންނާނީ ޓީސީންނެވެ.