ސްޕެނިޝް ލަލީގާގެ ފުލުގައި އޮތް ހުއެސްކާ ކައިރިން، އެއްވަނައިގައި އޮތް ބާސެލޯނާ އެއްވަރު ވެއްޖެއެވެ.

ރަށުން ބޭރުގައި ބާސާއިން މިރޭ ކުޅުނު މެޗު 0-0ގެ ނަތީޖާއަކުން އެއްވަރުވި އިރު، ބާސާއިން މެޗަށް ނުކުތީ ބޮޑެތި ބަދަލުތަކަކާ އެކުގައެވެ. ލީގު ތާވަލުގެ އެއްވަނައިގައި 11 ޕޮއިންޓްގެ ލީޑަކާއެކު ބާސާ އޮތް އިރު، އެޓީމަށް ގާތް ގަނޑަކަށް ލީގު ވަނީ ޔަގީންވެފައެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅުނު އަވޭ މެޗު، 1-0ގެ ނަތީޖާއަކުން ބާސާ ކާމިޔާބު ކޮށްފައ އޮތް އިރު، ދެވަނަ ލެގު މި ހަފްތާ ތެރޭގައި އޮންނާނެއެވެ. މިރޭގެ ފުރަތަމަ 11އަށް ބަލާ އިރު، ބާސާއިން ވަރަށް ބޮޑަށް އެ މެޗަށް ވިސްނާފައިވާކަން ފާހަގަކޮށްލެވުނެވެ.

ކެޕްޓަން ލިއޮނަލް މެސީގެ އިތުރުން، ފުރަތަމަ 11ގައި އާންމުކޮށް ހިމެނޭ ހަ ވަރަކަށް ކުޅުންތެރިން މިރޭގެ މެޗަށް ރެސްޓް ކުރި އިރު، މިރޭގެ މެޗުގެ އެންމެ ނުރައްކާތެރި ހަމަލާއެއްގެ ގޮތުގައި ފާހަގަކޮށްލެވުނީ މެލްކޮމް އުފެއްދި ހަމަލާއެވެ. އޭނާގެ ބާރު ހަމަލާ އަމާޒުވީ ދަނޑިއަށެވެ.

މިރޭގެ މެޗުގައި އުސްމާން ޑެމްބޭލޭ ފެނިގެންދިޔަ އިރު، އޭނާ އެނބުރި އައީ އަނިޔާއަށް ފަހުގައެވެ. ބެލެވޭ ގޮތުގައި ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ފެށުން ގާތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ޙެޑިޖެހި ކުއްޖަ އައްސަލާމް

    1
    1
  2. barca fan

    That match in not a really important match for barca....so they made the bench team play