ޕީޓާ ސެގަޑްގެ އިރުޝާދުގެ ދަށުން އެކުލަވާލި ރާއްޖޭގެ ގައުމީ ޓީމުގެ ސްކޮޑު އިއުލާންކޮށްފިއެވެ.

މި ސްކޮޑުން ގައުމީ ޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް މިފަހަރު ޖާގަ ގެއްލިފައިވާއިރު ކުލަބް އީގަލްސް އަށް މިހާރު ކުޅެމުންދާ އެއްބަޑު އެއްބަފާ ދެބެން ކަމުގައިވާ އަހުމަދު ނޫމާން (ހެލްމެޓް) އަށާއި އޭނާގެ ކޮއްކޮ މުޙައްމަދު ނާއިމް ވަނީ ގައުމީ ސްކޮޑުން ޖާގަ ދީފައެވެ.

މާޒިޔާ ސްޕޯޓްސްގެ ނާއިޒް ހަސަން (ދާދު) އާއި ކުލަބް އީގަލްސްގެ އަހުމަދު ރިޒްވާން (ރިޒޭ) އާއި ނިއުރޭޑިއަންޑްގެ އަހުމަދު އަބްދުﷲ (ލިލީ) ވަނީ ޕީޓާގެ ސްކޮޑުން ބާކީ ކޮށްފައެވެ. އަދި ވިކްޓަރީއަށް ކުޅެމުންދާ ހުސެއިން ނިހާން (ނިހާޓް) އަށްވެސް ވަނީ މިފަހަރު ސްކޮޑުން ޖާގަ ދީފައެވެ.

ގައުމީ ޓީމްގެ ސްކޮޑް އިއުލާންކޮށްފައި ވަނީ މިމަހުގެ 27 ވަނަ ދުވަހު އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ބޫޓާން އާއި ދެކޮޅަށް ކުޅޭ މެޗާއި މިމަހު 23 ވަނަ ދުވަހު ސިންގަޕޫރުގައި އެގައުމުގައި ކުޅޭ އެކުވެރިކަމުގެ މެޗާއި ދިމާކޮށެވެ.

އޭޝިއަން ކަޕް ކޮލިފައިންގެ ފަހު މެޗަށް ތައްޔާރުވުމުގެ ގޮތުން މިރޭ ސިންގަޕޫރަށް ދާން ގައުމީ ޓީމު ފުރުމަށްވަނީ ހަމަޖެހިފައެވެ. ސިންގަޕޫރުގައި އެ ގައުމާ ދެކޮޅަށް އަންނަ ހުކުރު ދުވަހު އެކުވެރިކަމުގެ މެޗެއް ކުޅޭއިރު ބޫޓާނާ ދެކޮޅަށް މާލޭގައި ކުޅޭ އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގެ ގުރޫޕް ސްޓޭޖް މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭގައެވެ.

މިފަހަރުގެ ސްކޮޑްގައި ދަނގަޑޭ ހިމަނާފައިވާއިރު ގްރީސް ސްޓްރީޓަށް ކުޅެމުންދާ އުމުރުން 17 އަހަރުގެ އަބްދުﷲ ޔާމިންވެސް ވަނީ ސްކޮޑްގައި ހިމަނާފައެވެ. އީގަލްސްގެ މުޙައްމަދު ނާއިމް އާއި ޓީސީގެ އައްޒާމް އަބްދުﷲ އަކީވެސް ގައުމީ ޓީމްގެ ސްކޮޑްގައި މުޅިން އަލަށް ހިމަނާފައިވާ ކުޅުންތެރިންނެވެ.

މިފަހަރު ސޮކޮޑްގައި ހިމެނެނީ ޓީސީ ސްޕޯޓްސް ކުލަބް އިން އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އާއި އިބްރާހިމް ވަހީދު (އިއްބެ) އާއި އައްޒާމް އަބުދުﷲ އާއި ވިކްޓްރީ އިން ހަސަން ތޮލާލް (ޓޮޕްލެކް) އާއި ގްރީން ސްޓްރީޓްއިން އަސްހަދު އަލީ (އަޑުބަރޭ) އާއި އަބްދުﷲ ޔާމިން އާއި މާޒިޔާއިން ސަމޫހު އަލީ (ސަމިއްޓޭ) އާއި ޔަސްފާދު އަލީ (މުލަކޭ) އާއި މުޙައްމަދު އިރްފާން އާއި މުޖުތާޒު މުޙައްމަދު (މުޖޭ) އާއި ހުސެއިން ޝަރީފް އެވެ.

މީގެ އިތުރުން ނިއުރޭޑިއަންޓުން އަލީ އަޝްފާގު (ދަގަޑޭ) އާއި އަކްރަމް އަބްދުލް ޣަނީ (އަކޫ) އާއި މުޙައްމަދު އުމެއިރު އާއި ހަމްޒާ މުޙައްމަދު (ހަމްޕު) އާއި އަލީ ފާސިރު (ސެންޓޭ) އާއި ހިސާމް ސަލީމް (ކޮކި) އާއި ރިހާމް އަބުދުލްޣަނީ (ބޮބި) އާއި މުޙައްމަދު ފައިސަލާއި ކުލަބް އީގަލްސް އިން އަހުމަދު ނޫމާން (ހެލްމެޓް) އާއި އޭނާގެ އެއްބަޑު އެއްބަފާ ކޮއްކޮ މުޙައްމަދު ނާއިމް އާއި ހުސެއިން ޝިފާއު ޔޫސުފް (ކްރޯ) ގެ އިތުރުން ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ހުސެއިން ނިހާން (ނިހާޓް) އެވެ.