އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލެސް ކޮޅަށް 3 ލަނޑުޖަހައި މެންޗެސްޓާ ސިޓީ ލީގުގައި ދުލެއް ނުދިނެވެ.

އަވޭ ދަނޑުގައި 3-1 ނަތީޖާއަކުން މޮޅުވެފައި އޮތް ސިޓީން މިހާރު އޮތީ 83 ޕޮއިންޓާއެކީ ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އޮތީ ސިޓީއާއި 2 ޕޮއިންޓް ކުރީގައެވެ. ލީގުގައި ސިޓީ އަށް ބާކީ 6 މެޗު އޮތް އިރު، ތަށީގެ ރޭހުގައި ސިޓީ އަށް ވެސް ފުރުސަތު އެބައޮތެވެ.

މެޗް ފެށިގެން މާ ގިނަ އިރުތަކެއް ނުވަނީސް ސިޓީގެ 7 ނަންބަރަށް ކުޅޭ ސްޓާލިން ވަނީ ބްރޫނޭ ދިން ބޯޅައަކުން ހިތްގައިމު ގޯލްއެއް ޖަހައި ޓީމަށް ލީޑު ނަގާދީފައެވެ. ކްރިސްޓަލް ޕެލެސްއަށް ވަނީ މެޗްގައި މާ ގިނަ ހަމަލާތަކެއް ސިޓީ ކޮޅަށް ފޮނުވާ ނުލެވިފައެވެ. 63 ވަނަ މިނެޓްގައި ސާނޭ ފޯރު ކޮށްދިން ބޯޅައަކުން ސްޓާލިން ވަނީ 2 ވަނަ ގޯލް ޖަހައި ލީޑު ބޮޑު ކޮށްދީފައެވެ. މެޗްގައި ކްރިސްޓަލް ޕެލެސް 3 ހަމަލާ ފޮނުވިއިރު 81 ވަނަ މިނެޓްގައި މިލިވޮޖެވިކް ޖަހައިދިން ހިލޭ ޖެހުމަކުން މެޗްގެ ނަތީޖާ 2-1 އަށް ބަދަލުވިއެވެ. މެޗް ނިމެން މާާ ގިނަ އިރުތަކެއް ނުވަނީސް ސިޓީ އިންވަނީ ގޯލްއެއް ޖަހައި ލީޑު ފުޅާކޮށްދީފައެވެ. މި ގޯލް ޖަހާދީފައިވަނީ ސާނޭއެވެ.

ރޭގެ މެޗަށް ފަހު ގާޑިއޯލާ ބުނެފައިވަނީ ޗެމްޕިއަންސްލީގުގެ މެޗުން ބަލިވުމަށް ފަހު ކުޅުނު މި މެޗްއަކީ ރަނގަޅު މެޗެއް ކަމަށާއި މި މެޗްގައި ރަނގަޅު ނަތީޖާއެއްވެސް ނެރެވޭނެ ކަމަށް އިނގޭ ކަމަށެވެ.

މެންޗެސްޓާ ސިޓީއިން ދެން މެޗެއް ކުޅެން ހަމަޖެހިފައިވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ޓޮޓެންހަމް އާއި ދެކޮޅަށް ބުރާސްފަތި ދުވަހުއެވެ.