ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި އިޓަލީގެ ގަދަ ބާރު ޔުވެންޓަސްއާ ދެކޮޅަށް، އަޔެކްސްގެ ޒުވާން ޓީމު މިރޭ ނުކުންނާނެއެވެ.

ފުރަތަމަ ލެގުގައި އަޔެކްސްގެ ޒުވާން ޓީމުގެ ހަލުވި ފުޓުބޯޅައިގެ ޖާދޫގައި ވަރުގަދަ ޔުވެންޓަސް ޖެހުނު އިރު، ނިމުނީ 1-1ގެ ނަތީޖާއަކުންނެވެ. ޔުވެންޓަސްއަށް ތަފާތު ގެނުވީ، މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި އަބަދުވެސް ތަފާތު ގެނުވަމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ޔުވެންޓަސްއަށް މިފަހަރު ޗެމްޕިއަންސް ލީގު ނެގިދާނެ ކަމަށް ގަބޫލުކުރާ ކުރުންވެސް ބިނާވެފައިވާ ކުޅުންތެރިޔަކީ އެނާއެވެ.

އަނިޔާއަށްފަހު އަޔެކްސްއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގަށް ފިޓްވި ރޮނާލްޑޯ، މިދިޔަ ހަފްތާ ޔުވެންޓަސްއިން ލީގުގައި ކުޅުނު މެޗުގައި ނުކުޅެއެވެ. އަދި މިރޭގެ މެޗަށް ނުކުންނާނީ ރަނގަޅު ފޯމެއްގައި ކަމަށެ ބެލެވެއެވެ. އަޔެކްސްގެ ޒުވާން ޓީމަށް ރޮނާލްޑޯ ހިފެހެއްޓޭނެތޯ އެއީ ކުރެވޭ ސުވާލެކެވެ. އަޔެކްސް ކުއާޓާއަށް ދިޔައީ އެންމެފަހުން ތިން އަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑް، ފަހަތުން އަރާ ބަލިކޮށްގެންނެވެ.

"ރޮނާލްޑޯއަކީ ހާއްސަ ހުނަރެއް ހުންނަ ކުޅުންތެރިއެއް. ބައެއް ހާލަތްތަކުގައި ރޮނާލްޑޯ ނުހިފެހެއްޓޭނެ. އޭނާގެ މޫނުން ފެންނާނެ އެ ހާލަތްތަކުގައި. މޫނު ބަލާލީމަވެސް އެނގޭނެ ދެން ނުހިފެހެއްޓޭނެކަން. އެތުލެޓިކޯ ކައިރީގައި ކުޅުނު ކުޅުން ތަކުރާރު ކުރަން ޖެހޭ، އަވޭ ގޯލެއް ޖެހިފައި އޮތުމަކީ ދޫކޮށްލެވޭނެ ސަބަބެއް ނޫން،" ޔުވެންޓަސް ކޯޗު މެސިމިލިއަނޯ އަލެގްރީ ބުންޏެވެ.

މާރިއޯ މަންޒުކިޗުގެ އަނިޔާއަކީ އަލެގްރީއަށް އޮތް ބޮލުރިހުމެކެވެ. އެހެން ނަމަވެސް އެކަމަށް ޓީމު ތައްޔާރު ކަމަށް އޭނާ ބުންޏެވެ.