ސްޕެނިޝް ލަލީގާގައި ރޭ ލެގާނޭސްއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުވެސް އެއްވަރު ވެގެން ނިމިއްޖެއެވެ.

ރެއާލްއަށް މި ސީޒަނަކީ ދަށް ސީޒަނެކެވެ. ޗެމްޕިއަންސް ލީގުންވެސް ހިތްދަތި ގޮތަކަށް ކަޓާފައިވާ އިރު، ލީގު ލިބުމުގެ އުންމީދު ވަނީ ގެއްލިފައެވެ. އަދި ސީޒަން ނިންމާލަން ޖެހޭނީ އެއްވެސް ޓްރޮފީއަކާ ނުލައެވެ. ކްލަބުގެ ކަންކަން ގޯހުން ގޯހަށް ގޮސްފައިވާ އިރު، އަލުން އާ ރެއާލް މެޑްރިޑެއް ބިނާ ކުރުމަށް ކްލަބާ ހަވާލުވީ ޖެހިޖެހިގެން ތިން ފަހަރު ރެއާލްއަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިން ކޯޗު، ޒައިނުއްދީން ޒިދާނެވެ.

ޒިދާނާއެކު ސަޕޯޓަރުންނަށް އުންމީދު އާވެފައިވާ ނަމަވެސް، އަންނަ ޓްރާންސްފާ ސީޒަންގައި ޒިދާންއަށް ކުރަން ޖެހޭ މަސައްކަތް ބޮޑެވެ.

ރޭގެ މެޗު 1-1ގެ ނަތީޖާއަކުން ނިމުނު އިރު، ޖޮނަތަން ސިލްވާގެ ގޯލާއެކު ފުރަތަމަ ލީޑު ނެގީ ލެގާނޭސްއެވެ. ލެގާނޭސްއިން ވަރުގަދަކޮށް ކުޅުނު ނަމަވެސް، ރެއާލްއިން ވަނީ އެޓީމަށް ގޯލެއް ޖެހިޔަ ނުދީ ހިފަހައްޓާފައެވެ.

ދެވަނަ ހާފްގައި ނުކުުމެ، ރެއާލްއިން ނަތީޖާ ހަމަހަމަ ކުރިއެވެ. އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފޯވަޑް ބެންޒެމާއެވެ. މީގެ ކުރިން ބެންޒެމާ ކްލަބު ދޫކޮށްލަން އުޅޭ ކަމުގެ ވާހަކަތައް ފެތުރިފައިވީ ނަމަވެސް، ރޭގެ މެޗަށްފަހު ޒިދާން ބުނެފައި ވަނީ ބެންޒެމާއަކީ މުހިއްމު ކުުޅުންތެރިއެއް ކަމަށާއި، އޭނާ މަޑު ކުރާނެ ކަމަށެވެ.

ކުޅުނު 32 މެޗުން 61 ޕޮއިންޓާއެކު ރެއާލް އޮތީ ތާވަލުގެ ތިންވަނައިގައެވެ. އެތުލެޓިކޯ ދެވަނައިގައި އޮތް އިރު، ނުވަ ޕޮއިންޓްގެ ލީޑަކާއެކު ބާސާ އޮތީ އެއްވަނައިގައެވެ.