ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި 3-0ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، ބާސެލޯނާއިން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ފުރަތަމަ ލެގުވެސް ބާސާއިން 1-0ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި އޮތް އިރު، ބާސާ ދަނޑުގައި މިރޭ ކުޅުނު ދެވަނަ ލެގު ބާސާއިން ކާމިޔާބުކުރީ 3-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ފުރަތަމަ ލެގުގެ މެޗުގައި މެސީ މަޑުމަޑުން ހުރެ ކުޅުނު ނަމަވެސް، މިރޭގެ މެޗުގައި އޭނާ ވަނީ ދެ ގޯލް ޖަހާ ބާސާ މޮޅު ކޮށްދީފައެވެ.

މިރޭގެ މެޗަށް ނުކުތްއިރު، ޔުނައިޓެޑަށް އޮތީ ތާރީހު ބަދަލުކުރަން ޖެހިފައެވެ. ގަދަ 16ގައި ޔުނައިޓެޑުން ޕީއެސްޖީ ކަޓުވާލީވެސް ފުރަތަމަ ލެގުގައި ބަލިވެފައި އޮތުމަށްފަހު، ތާރީހީ މޮޅަކާއެކުގައެވެ. ސީޒަންގެ ކުރީކޮޅުގައި ޔުނައިޓެޑަށް އެންމެ އެކަށޭނެ ނަތީޖާތަކެއް ނުނެރެވި، ކޯޗު ހޯޒޭ މޮރީނިއޯ ފޮނުވާލުމަށްފަހު ކްލަބު ހަވާލުކުރީ ކްލަބު ލެޖެންޑު އޮލި ގުނަ ސޮލްސްޖާއާއެވެ.

ސޮލްސްޖާއާއެކު ޔުނައިޓެޑުން ސީޒަން އަނބުރާލި އިރު، އެންމެ ބޮޑު ކާމިޔާބީއެއްވެސް މިހާތަނަށް ހޯދީ ޗެމްޕިއަންސް ލީގުގައެވެ. ބާސާ ދަނޑުގައި 1998 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ބަޔާން މިއުނިކް ކޮޅަށް މޮޅުވި ގޯލްވެސް ޖެހި ސޮލްސްޖާ މިރޭ ނުކުތީ އޭނާގެ ކާމިޔާބު ހަނދާންތައް ތަކުރާރު ކުރުމަށެވެ.

ޔުނައިޓެޑުން އެންމެފަހުން ޗެމްޕިއަންސް ލީގުގެ ސެމީއަށް ދަތުރުކުރީ 2010-11 ވަނަ އަހަރުގެ ސީޒަންގައެވެ. އެއަހަރުގެ ފައިނަލަށް ގޮސް ޔުނައިޓެޑުން ބަލިވީ ބާސާ އަތުންނެވެ. މެޗަށް ނުކުތް އިރު، ޗެމްޕިއަންސް ލީގުގައި ބާސާއިން އެންމެފަހުން ކުޅުނު 39 ހޯމް މެޗުގައިވެސް އެޓީމު ބަލިވެފައެއް ނުވެއެވެ.

އެންމެންވެސް ހީކުރި ގޮތާ ހިލާފަށް މެޗު ވަރުގަދަކޮށް ފެށީ އަވޭ ޓީމުންނެވެ. މެންޗެސްޓާ ޔުނައިޓެޑުންނެވެ. ރަޝްފޯޑްގެ ބާރު ހަމަލާއެއް ހުރަސް ދަނޑީގައި ކޭތި ލާފައި ދިޔަ އިރު، އެ ހަމަލާވީ ބާސާއަށް އިންޒާރަކަށެވެ. އެ ހަމަލާއާއެކުވެސް ޔުނައިޓެޑުން ރަނގަޅަށް ކުޅެ، ހަމަލާތައް އުފައްދަން މަސައްކަތް ކުރިއެވެ. ފުރަތަމަ ލެގުގައި 1-0ގެ ނަތީޖާއަކުން ބާސާ މޮޅުވެފައި އޮތް އިރު، އެކަން ބަދަލުކުރަން ޔުނައިޓެޑުން ފުރަތަމަ ކަށިގަނޑާއެކުވެސް މަސައްކަތް ކުރިއެވެ.

ޔުނައިޓެޑުން ކުރިއަށް ޖެހުމުގެ ފައިދާ ނެގީ ބާސާއިންނެވެ. 16 ވަނަ މިނެޓުގައި ލީޑު ނެގީ ބާސާއިންނެވެ. އެޝްލީ ޔަންގަށް ހެދުނު ގޯހެއްގެ ބޭނުން ހިފާ މެސީ، އަމިއްލައަށް ފުރުސަތު ތަނަވަސް ކުރީ ފްރެޑް ކައިރިން ފަސޭހަކަމާއެކު ނައްޓާލުމަށް ފަހުގައެވެ. އޭރިއާ ބޭރުން މެސީ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ސީދާ ގޯލްގެ ކަނަށެވެ. ޑެހެއާއަކަށް ކުރެވޭނެ މަސައްކަތެއް ނެތެވެ.

ޔުނައިޓެޑު މާޔޫސް ކޮށްލިއެވެ. ފަރަގު ބޮޑުވުމާއެކު އިތުރަށް މާޔޫސްވިއެވެ. 20 ވަނަ މިނެޓުގައި މެސީ ކަނާތު ފައިން މަޑުމަޑުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޔުނައިޓެޑްގެ ސްޕެއިން ގޯލްކީޕަރު ޑެހެއާގެ ގޯހަކުންނެވެ. މަޑު މަޑުން ދިޔަ ބޯޅަ ގޯލަށް ވަނީ ޑެހެއާ ބަނޑު ދަށުންނެވެ. ދެވަނަ ގޯލާއެކު ބާސާއިން ހިތްވަރު ހޯދިއެވެ.

މެޗު ކޮންޓްރޯލް ކޮށް ކުޅެ، ބާސާއިން ހާފު ނިންމާލީ ހަމަޖެހިލައިގެންނެވެ. ބާސާއިން ދެވަނަ ހާފްވެސް ފެށީ ފުރަތަމަ ހާފް ނިންމާލި ހިސާބުންެނެވެ. ހާފްގެ ކުރީކޮޅުގައި މެސީގެ ހެޓްރިކާ ގާތް ކޮށްލިއެވެ. ޝުއަރޭޒްގެ ހުރަސް މެސީ ގޯލަށް އަމާޒުކޮށްލަން މަސައްކަތް ކުރި ނަމަވެސް ދިޔައީ ބޭރަށެވެ. ބާސާއިން އިތުރަށް ނުރައްކާ ކުރިއެވެ. ކުޓީނިއޯގެ ގޯލާއެކު ޔުނައިޓެޑްގެ އުންމީދުތައް ފުނޑުފުނޑު ކޮށްލިއެވެ.

ޔުނަޓެޑަށް މެޗަށް އަނބުރާ ވަނުމަށް މާ ގިނަ ފުރުސަތުތަކެއް ބާސާއިން ނުދިނެވެ. ބާސާއިން މެޗު ނިންމާލީ ފަސޭހަކަމާއެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަދީފް

    މީ ބްރޭކިން ނިއުސް އެއް ތަ؟؟؟

    3
    3
  2. ޕެންޑާ

    މެސީ ވަރެއް ނެތޭ!!❤

  3. barca fan

    #vamos barca
    #visca el barca