މެންޗެސްޓާ ސިޓީއަށް މި ހަފްތާއަކީ، އެޓީމުގެ ސީޒަން ކަނޑައެޅިގެންދާނެ ހަފްތާ ކަމަށް ކޯޗު ޕެޕް ގާޑީއޯލާ ބުނެފިއެވެ.

ބާސެލޯނާއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ގާޑިއޯލާ އެހެން ބުނެފައި ވަނީ މިރޭ އޮންނަ ޗެމްޕިިއަންސް ލީގު ކުއާޓާ ފައިނަލް މެޗުގައި ސިޓީން ޓޮޓެންހަމްއާ ދެކޮޅަށް ނުކުތުމުގެ ކުރިން މީޑިއާއާ ވާހަކަ ދައްކަމުންނެވެ. ގާޑިއޯލާ ބުނެފައި ވަނީ ސިޓީން ޓާގެޓް ކުރަނީ ހުރިހާ މުބާރާތެއްވެސް ނަގަން ކަމަށާއިި، މި ހަފްތާގެ މެޗުތަކީ ސިޓީއަށް އެކަންކަން އެނގިގެންދާނެ މެޗުތައް ކަމަށެވެ.

"ސިޓީއަށް އޮތީ ހުސް ފައިނަލް. މި ހަފްތާއެއްކޮށް ހުސް ފައިނަލް. ޓޮޓެންހަމްއާއެކު އޮތް މެޗުތަކުން މޮޅު ނުވެއްޖެ ނަމަ، ލީގާ ޗެމްޕިއަންސް ލީގުވެސް ގެއްލޭނެ،" ގާޑިއޯލާ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ޓޮޓެންހަމް އަތުން 1-0ގެ ނަތީޖާއަކުން ސިޓީ ބަލިވެފައި އޮތް އިރު، މިރޭގެ މެޗުގައި ނަތީޖާ އަނބުރާލުމަށް ސިޓީއަށް އޮތް އެންމެ ބޮޑު ހިތްވަރަކީ ޓޮޓެންހަމްގެ ފޯވަޑް ހެރީ ކޭން އަނިޔާގައި ހުރުމެވެ. ޗެމްޕިއަންސް ލީގުގައި މިރޭ ޓޮޓެންހަމްއާ ދެކޮޅަށް ނުކުންނަ އިރު، ޕްރިމިއާ ލީގުގައި ސިޓީއަށް މޮޅުވުން މަޖުބޫރު މެޗެއްގައި ސިޓީން ޓޮޓެންހަމްއާ ދެކޮޅަށް މި ހަފްތާގައި އަދި ނުކުންނާނެއެވެ.

ލީގު ތާވަލުގައި ލިވަޕޫލާ އެއް ޕޮއިންޓް ގާތުން ސިޓީ އޮތް އިރު، ސިޓީއަށް އެންމެ ބޮޑު ޓެސްޓަކަށް ވާނީ ޓޮޓެންހަމް މެޗާއި، 24 ވަނަ ދުވަހު ޔުނައިޓެޑާ ދެކޮޅަށް އޮންނަ މެޗެވެ.

ސިޓީން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ބޮޑެތި ހަރަދުތަކެއް ކުރަމުން އަންނަ އިރު، މިރޭގެ މެޗަކީ އެންމެ މުހިއްމު މެޗެވެ. މިދިޔަ ސީޒަންގައިވެސް ސިޓީން ކެޓީ ލިވަޕޫލް އަތުންނެވެ. ސިޓީން މިހާތަނަށް ޗެމްޕިއަންސް ލީގުގެ ފައިނަލެއް ކުޅެފައެއް ނުވެއެވެ.