ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި މެންޗެސްޓާ ޔުނައިޓެޑުން ބާސެލޯނާއާ ދެކޮޅަށް ކުޅެ، ބަލިވީ އެގްރިގޭޓް 4-0ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި 1-0ގެ ނަތީޖާއަކުން ބަލިިވި އިރު، ރޭގެ މެޗުގައި ބަލިވީ 3-0ގެ ނަތީޖާއަކުންނެވެ. ދެ ލެގަށް ބަލާ އިރު، ބާސާ ފެނުނީ ޔުނައިޓެޑަށްވުރެ ތަފާތު މޮޅު ލެވެލްއެއްގައެވެ. ރޭގެ މެޗުގައި ބާސާގެ ދެ ގޯލް ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބު ކޮށްދިން އިރު، ތިންވަނަ ގޯލަކީ ފިލިޕް ކުޓީނިއޯގެ ހިތްގައިމު ގޯލެކެވެ.

ރޭގެ މެޗަށްފަހު ޔުނައިޓެޑްގެ ކޯޗު އޮލި ގުނަ ސޮލްސްޖާ ބުނެފައި ވަނީ ބާސާގެ ފެންވަރަށް ތައުރީފް ކުރަން ޖެހޭ ކަމަށާއި، ޒަމާންވީ ތާރީހު އޮތް، ޔުނައިޓެޑްގެ އަސްލު ފެންވަރަކީ ބާސާއާ ވާދަކުރެވޭ ފެންވަރު ކަމަށެވެ. އެކަމަށް ޔުނައިޓެޑުން މަސައްކަތް ކުރަން ޖެހޭ ކަމަށާއި، ޔުނައިޓެޑުން ބާސާ ލެވެލްއަށް ދާން ގިނަ ކަންކަން ކުރަން ޖެހިފައިވާ ކަމަށްވެސް ސޮލްސްޖާ ބުނެފައިވެއެވެ.

ސޮލްސްޖާ ބުނެފައި ވަނީ ކުއާޓާ ފައިނަލްގެ ދެ ލެގުގައި ފެނުނީ ޔުނައިޓެޑަށްވުރެ ދެތިން ލެވެލްއެއް މަތީގައި ބާސާ ކުޅުނުތަން ކަމަށާއި، އެއީ ހަގީގަތް ކަމަށެވެ. ފުރަތަމަ ލެގުގައި މެސީ ތަންކޮޅެއް ދަށްކޮށް ފެނުނު ނަމަވެސް، ރޭގެ މެޗުގައި މެސީ ތަފާތު ދެއްކިއެވެ. ސޮލްސްޖާ ބުނެފައި ވަނީ މެސީގެ ޖާދޫ އަބަދުވެސް ފެންނަމުންދާ ކަމަށާއި، ރޭގައި ފެނުނީ މެސީގެ ފެންވަރު ކަމަށެވެ.

ރޮނާލްޑޯއާއި މެސީއަކީ މިދިޔަ 10 އަހަރު ތެރޭގައިވެސް ދުނިޔެ ދުތް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި، މެސީއަކީ އެފަދަ ތަފާތު ކޮންމެ މެޗެއްގައިވެސް ދެއްކޭނެ ކުޅުންތެރިއެއް ކަމަށް ސޮލްސްޖާ ބުންޏެވެ.

ސީޒަންގެ ކުރީކޮޅުގައި ޔުނައިޓެޑަށް އެންމެ އެކަށޭނެ ނަތީޖާތަކެއް ނުނެރެވި، ކޯޗު ހޯޒޭ މޮރީނިއޯ ފޮނުވާލުމަށްފަހު ކްލަބު ހަވާލުކުރީ ކްލަބު ލެޖެންޑު އޮލި ގުނަ ސޮލްސްޖާއާއެވެ.

ސޮލްސްޖާއާއެކު ޔުނައިޓެޑުން ސީޒަން އަނބުރާލި އިރު، އެންމެ ބޮޑު ކާމިޔާބީއެއްވެސް މިހާތަނަށް ހޯދީ ޗެމްޕިއަންސް ލީގުގައެވެ. ބާސާ ދަނޑުގައި 1998 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ބަޔާން މިއުނިކް ކޮޅަށް މޮޅުވި ގޯލްވެސް ޖެހި ސޮލްސްޖާ މިރޭ ނުކުތީ އޭނާގެ ކާމިޔާބު ހަނދާންތައް ތަކުރާރު ކުރުމަށެވެ.

ޔުނައިޓެޑުން އެންމެފަހުން ޗެމްޕިއަންސް ލީގުގެ ސެމީއަށް ދަތުރުކުރީ 2010-11 ވަނަ އަހަރުގެ ސީޒަންގައެވެ.