އޭއެފްސީގެ އިންތިހާބުގައި ކުވޭތުގެ އަހުމަދު އަލް-ސަބާހް ނުފޫޒު ފޯރުވިކަމަށް ތުހުމަތުކުރައްވައި، އެ އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ރާއްޖޭގެ މަރިޔަމް މުހައްމަދު (މާޔަން) ފީފާ އަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.

ރިޝްވަތުގެ މައްސަލައިގައި ތުހުމަތު ކުރެވިގެން ފީފާގެ ކައުންސިލް މެމްބަރު ކަމުން 2017 ގައި އިސްތިއުފާ ދެއްވި އޭޝިއާގެ ކުޅިވަރުގެ އެންމެ ނުފޫޒުގަދަ އެކަކު ކަމަށްވާ ޝެއިޚް އަހުމަދާއި ދެކޮޅަށް މާޔަން ހުށަހެޅުއްވި މައްސަލަ ފީފާގެ އިލެކްޓޯރަލް ކޮމިޓީން ވަނީ އިތުރަށް ތަހުގީގުކުރުމަށް އެތިކްސް ކޮމިޓީއަށް ފޮނުވައިފައެވެ.

މާޔަން ކުރައްވާ ތުހުމަތަކީ އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީގެ ސައުތު ޒޯންގެ ގޮނޑި އޭނާއާއެކީ ވާދަ ކުރެއްވި ބަންގްލަދޭޝްގެ މަހްފޫޒާ އަޚްތަރު ކިރަން އަށް ކާމިޔާބުކޮށްދެއްވަން ޝެއިޚް އަހުމަދު ނުރަނގަޅު ނުފޫޒު ބޭނުންކުރެއްވި ކަމެވެ.

އެމެރިކާގެ މަޝްހޫރު މީޑިއާއެއް ކަމަށްވާ ނިއު ޔޯކް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި މާޔަން ވިދާޅުވެފައިވަނީ މެލޭޝިއާގެ ކުއާލަ ލަމްޕޫރުގައި ހުންނަ އޭއެފްސީގެ ހެޑްކުއާޓާޒްގައި ބޭއްވި އިންތިހާބުގެ ކުރިން ޝެއިޚް އަހުމަދާ ބައްދަލުކުރެއްވުމުން، ނަން އަނބުރާ ނެގުމަށް އެދުނު ކަމަށާއި ސަބަބަކީ މަހްފޫޒާ އަށް ތާއީދުކުރަން ޝެއިޚް އަހުމަދު ނިންމަވާފައި އޮތުމުންކަމަށެވެ.

އަދި އޭނާ ބުނެފައިވަނީ މާޔަން ނަން އަނބުރާ ނަގައިފިނަމަ ފީފާ ނުވަތަ އޭޝިއާގެ ފުޓްބޯޅައިގެ މަގާމެއް ހަމަޖައްސައި ދެވިދާނެ ކަމަށެވެ. މިގޮތަށް ކަންތަށް ނުކޮއްފިނަމަ މާޔަންގެ ކެރިއަރު ނިމި، ރާއްޖެ އަށް ވެސް ގެއްލުންވެދާނެ ކަމަށް ޝެއިޚް އަހުމަދު ވިދާޅުވި ކަމަށް މާޔަންއާ ހަވާލާދީ އެ މީޑިއާގައި ބުނެފައިވެއެވެ.

ޝެއިޚް އަހުމަދު ފަދަ މީހަކާ ދެކޮޅަށް މިފަދަ މައްސަލައެއް ހުށަހެޅުމުން މުޅި ދުނިޔޭގެ ކުޅިވަރަށް ލޯބިކުރާ އެންމެންގެ ސަމާލުކަން މިކަމަށް ވަނީ ވަރަށް ބޮޑަށް ލިބިފައެވެ. ނިއު ޔޯކް ޓައިމްސް އަށް އެކްސްކްލޫސިވްކޮށް މާޔަން ދިން އިންޓަވިއުއާ އެކު، ދުނިޔޭގެ ބޮޑެތި މީޑިއާތަކުން މިހާރު އަންނަނީ މާޔަންއާ ގުޅަމުންނެވެ.

ފީފާގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުއްނެވި އަދި ރައީސްގެ މަގާމަށް ވެސް ވަޑައިގެންފާނެ ކަމަށް ބެލެވިފައިވާ ޝެއިޚް އަހުމަދު އެތަނުން 2017 ވަނަ އަހަރުގެ މޭ މަހު އިސްތިއުފާ ދެއްވީ ރިޝްވަތުގެ މައްސަލައަކާ ގުޅުން ހުރި ކަމަށް ކުރެވުނު ތުހުމަތުތައް ދޮގުކުރެއްވުމަށް ފަހުއެވެ.

އެސޯސިއޭޝަން އޮފް ނޭޝަނަލް އޮލިމްޕިކް ކޮމިޓީސްގެ ރައީސްގެ މަގާމުގެ އިތުރުން ދުނިޔޭގެ ހޭންޑްބޯޅަ ފެޑެރޭޝަނުގެ ރައީސްގެ މަގާމް ވެސް އަދާކުރަމުން އަންނަ ޝެއިޚް އަހުމަދު ވަނީ ކުވޭތުގެ އިންފޮމޭޝަން މިނިސްޓަރުކަމާއި ތެލާ ބެހޭ މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފައިނާ

    ކަނބުލޯ ވަރަށް ވިސްނާއިގެން އުޅެއްޗޭ، ތިއީ ޔައުނީ އަރަބިން. ސީދާ ޤަތުލް. ލަލަލަލަލަލަލަލަލަ. ނަމަ ނަމަ އެމްބަސީއަށް ނުދާތި. ކަށޯބީ އަދިވެސް ނުފެނޭ.

    20
    6