ޕެނަލްޓީގައި ކަލާފާނުގެ މައްޗަށް ކުރިހޯދާ އިސްކަންދަރު ސްކޫލް މައިލޯ އިންޓަ ސްކޫލް 14 އަހަރުން ދަށުގެ މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުކޮށްފިއެވެ.

މި ދެ ޓީމު މިއަދު ހަވީރު ބައްދަލުކުރި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު އޮތީ 3-3 އިން އެއްވަރުވެފައެވެ.

މިއަދު ހަވީރު ހެންވޭރު ދަނޑުގައި ކުޅުނު މިމެޗްގައި ފުރަތަމަ ލަނޑުޖަހާ ލީޑް ނެގީވެސް އިސްކަންދަރު ސްކޫލެވެ. ފުރަތަމަ ލަނޑު މެޗްގެ 13 ވަނަ މިނިޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޖާޒީ ނަންބަރ 11 ޒަޔާންއެވެ. ފުރަތަމަ ހާފްގައި ކުރީ ކޮޅު އިސްކަންދަރު ސްކޫލުން ރަނގަޅަށް ކުޅެމުން ދިޔަ ނަމަވެސް ކަލާފާނު ސްކޫލުން ވަނީ ކުޅުން ރަނގަޅުކޮށް މެޗްގެ 20 ވަނަ މިނިޓްގައި ނަތީޖާ އެއްވަރުކޮށްފައެވެ. ނަތީޖާ އެއްވަރުކޮށްދިން ލަނޑު ކަލާފާނަށް ޖަހައިދީފައިވަނީ އެޓީމްގެ ޖާޒީ ނަންބަރ 10 އެވެ.

އިސްކަންދަރު ސްކޫލް އާއި ކަލާފާނު ސްކޫލް ބައްދަލުކުރި މެޗުގެ ތެރެއިން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

ނަމަވެސް މާގިނައިރުތަކެއް ނުވެ މެޗްގެ 21 ވަނަ މިނިޓްގައި އިސްކަންދަރު ސްކޫލްގެ ޖާޒީ ނަމްބަރ 20 ވަނީ ލަނޑެއް ޖަހައި ދެވަނަ ފަހަރަށް އިސްކަންދަރަށް ލީޑް ނަގައިދީފައެވެ. ފުރަތަމަ ހާފް ނިމުނީ އިސްކަންދަރު ކުރީގައި އޮވެގެންނެވެ.

ހަމަހަމަ ކުޅުމެއް ފެނުނު ދެވަނަ ހާފްގައި ކަލާފާނުން ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކުރިއެވެ. ކަލާފާނަށް އެލަނޑު ޖަހައިދިނީ ދެވަނަ ހާފްގެ ކުރީކޮޅު އެޓިމްގެ ޖާޒީ ނަމްބަރ 10 އެވެ. އަދި މެޗްގެ 55 ވަނަ މިނިޓްގައި ކަލާފާނުގެ ޖާޒީ ނަންބަރ 5 އެޓީމަށް އިތުރު ލަނޑެއް ޖަހައިދީ ފުރަތަމަ ފަހަރަށް ކަލާފާނަށް މެޗްގެ ލީޑް ނަގައިދިނެއެވެ. ނަމަވެސް އިސްކޮޅުން ކުރު ކަލާފާނުގެ ކީޕަރުގެ ފައިދާ ނަގާ އިސްކަންދަރުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އެލަނޑު އެޓީމަށް ޖަހައިދިނީ މެޗްގެ 57 ވަނަ މިނިޓްގައި ޖާޒީ ނަންބަރ 10 އެވެ.

މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ނަތީޖާ އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ އިންނެވެ.

އިސްކަންދަރު ސްކޫލް އާއި ކަލާފާނު ސްކޫލް ބައްދަލުކުރި މެޗުގެ ތެރެއިން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

އެގޮތުން ކަލާފާނުން ޖެހި ފުރަތަމަ ޕެނަލްޓީ ގޯލްގެ މަތީ ދަނޑިއަށް އަމާޒުވިއިރު އިސްކަންދަރުން ޖެހި ޕެނަލްޓީ ދިޔައީ ގޯލްގެ މަތިން ބޭރަށެވެ. އަދި ކަލާފާނުން ޖެހި ދެވަނަ ޕެނަލްޓީ އިސްކަންދަރު ކީޕަރު ދިފާއުކުރިިއިރު އިސްކަންދަރުން ޖެހި ދެވަނަ ޕެނަލްޓީ ވަނީ ކީޕަރު އަތުގައި ޖެހިފައި ގޯލްގެ ވާތް ފަރާތު ކަނަށް ވަދެފައެވެ.

ކަލާފާނުން ޖެހި ތިންވަނަ ޕެނަލްޓީ ވެސް ވަނީ ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ގޯލްގެ ވާތްފަރާތު ކަނަށް ފޮނުވާލި ޕެނަލްޓީ އިސްކަންދަރު ކީޕަރުގެ ހުޝިޔާރުކަމާއެކު ވަނީ ދިފާއުކޮއްފައެވެ.

އިސްކަންދަރު ސްކޫލް އާއި ކަލާފާނު ސްކޫލް ބައްދަލުކުރި މެޗުގެ ތެރެއިން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

އިސްކަންދަރުން ޖެހި ތިންވަނަ ޕެނަލްޓީ އެޓީމުން ކާމިޔާބު ކުރި އިރު ކަލާފާނަށް ޖެހުނު ހަމައެކަނި ޕެނަލްޓީ ޖެހީ ގޯލްގެ ކަނާތް ފަރާތު މަތީ ކަނަށެވެ. އިސްކަންދަރުން ވަނީ އެޓީމުން ޖެހި ފަހު ޕެނަލްޓީވެސް ކާމިޔާބުކޮށް ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައެވެ.

އިސްކަންދަރު ފައިނަލަށް ދަތުރުކޮށްފައިވާއިރު އިއްޔެ ކުޅުނު ސެމީފައިނަލްގެ ފުރަތަމަ މެޗުން ހިރިޔާ ސްކޫލްގެ މައްޗަށް ކުރިހޯދައިގެން ފައިނަލްގެ އަނެއްޖާގަ ހޯދާފައިވަނީ މަޖީދިއްޔާ ސްކޫލެވެ. މި ދެ ޓީމް ބައްދަލުކުރާ ފައިނަލް މެޗް އޮންނާނީ މިމަހު 24 ވާ ހޮނިހިރު ދުވަހު ހެންވޭރު ދަނޑުގައެވެ.