ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރާއްޖޭގެ ކްލަބު، ޖަމިއްޔާ، ޖަމާއަތްތަކަށް ހާއްސަކޮށްގެން އަންހެން އަދި ފިރިހެން ފުޓްސަލް މުބާރާތެއް އިއުލާން ކޮށްފިއެވެ.

މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހަޅަން ޖެހޭނީ މި މަހު 25 ވަނަ ދުވަހުގެ މެންދުރު 14:00 ކުރިންނެވެ. މުބާރާތުގައި ބައިވެރިވުމުގެ ފޯމާއި މުބާރާތުގެ ގަވައިދު އެފްއޭއެމް ބަންދު ނޫން ގަޑިތަކުގައި އެ އިދާރާގެ ރިސެޕްޝަނުން ލިބޭނެ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނޭމެއް ދޭނެ އެވެ. އަދި ރަނަރަޕް ޓީމަކަށް 25،000 ރުފިޔާ ދޭން ވަނީ ނިންމައިފައެވެ.

މުބާރާތުގައި އަންހެން އަށް ޓީމު އަދި ފިރިހެން 16 ޓީމަށް ފުރުސަތު ދިނުމަށް ނިންމާފައިވާ އިރު، ބައިވެރި ވެވޭނީ ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓާ ކުރެވިފައިވާ ކްލަބު، ޖަމިއްޔާ އަދި ޖަމާއަތްތަކަށެވެ. އެފްއޭއެމުން ވަނީ 2017 ވަނަ އަހަރު ޕްރެޒިޑެންޓްސް ފުޓްސަލް ރެކްރިއޭޝަނަލް ކަޕްގެ ނަމުގައި އަންހެން އަދި ފިރިހެން ކުޅުންތެރިންނަށް މުބާރާތެއް ބާއްވައިފަ އެވެެ. އެ ފަހަރު މުބާރާތް ބޭއްވީ ސަރުކާރާއި އަމިއްލަ އޮފީސްތަކަށް ހާއްސަކޮށްގެންނެވެ.

އެފްއޭއެމްއިން ފުޓުބޯޅަ ކުޅޭ ކުޅުންތެރިން ފުޓްސަލް ކުޅުމަށް ހިތްވަރު ނުދޭނެ ކަމަށް ކުރިންވެސް ބުނެފައިވާ އިރު، ފުޓްސަލް މުބާރާތުގައި ކުޅެވޭނީ ރާއްޖޭގެ ލީގު ލެވެލްގައި ފުޓުބޯޅަ ނުކުޅޭ ކުޅުންތެރިންނަށެވެ.