މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ކުރިން ކޯޗުކަން ކޮއްދީފައިވާ ސެކުލޮސްކީ ކުރިއަށް އޮތް ސީޒަންގައި ވެސް އެޓީމްގެ ކޯޗަކަށް ހަމަޖައްސައިފިއެވެ.

މާޒިޔާގެ ތާރީހުގައި އެޓީމުން ގެނައި ފުރަތަމަ ބިދޭސީ ކޯޗަކީ މަރުޖާން ސެކުލޮސްކީއެވެ. ސެކުލޮސްކީ ވަނީ 2017 ވަނަ އަހަރު މާޒިޔާއަށް ގިނަ ކާމިޔާބުތަކެއް ހޯދާ ދީފައެވެ. ޕްރިމިއާ ލީގުގެ ވަކި ހިސާބަކުން މާޒިޔާއިން ސެކުލޮސްކީ ދޫކޮށްލީ ދެ ފަރާތް އެއްބަސްވެގެންނެވެ. ސެކުލޮސްކީ ދޫކޮށްލަން ނިންމިއިރު، އޭނާއާއެކު ހަދާފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ މަދު ދުވަސްކޮޅެކެވެ.

މިދިޔަ އަހަރު މާޒިޔާއަށް ކޯޗުކަން ކޮއްދީފައިވަނީ އިސްމާއިލް މަހަފޫޒް (އިންމަ) އެވެ. އޭނާ އެ ޓީމާ ގުޅުނު އިރު ވަނީ ޓާގެޓެއް ކަނޑަ އަޅާފައެވެ. ނަމަވެސް އޭނާ އަކަށް ކަނޑަ އެޅި ޓާގެޓަކަށް ވާސިލް ނުވެވުނެވެ. މި އަހަރު އޭނާ ފެންނަނީ ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރަމުން އަންނަ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުންނެވެ.

ސެކުލޮސްކީގެ ކާމިޔާބުތަކަށް ބަލާއިރު އޭނާ ވަނީ މާޒިޔާގައި އުޅުނު އިރު ވެލެންސިއާ ބަލިކޮށް 2017 ވަނަ އަހަރުގެ ޗެރިޓީ ޝީލްޑް ކަޕް އުފުލާފައެވެ. އެ އަށް ފަހު އެ އަހަރުގެ އެސްޓީއޯ މާލޭ ލީގު ކާމިޔާބުކުރިއެވެ. އެ ފަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ ވަނީ ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރެފަކަންވެސް ފާހަނގަ ކުރެވެއެވެ. އެ ޓީމަށް ދެ ވަނަ ބުރުގެ ޖާގަ ގެއްލުނީ ފަހު މެޗުން ބެންގަލޫރު އަތުން ބަލިވެގެންނެވެ.

ސެކުލޮސްކީގެ ކޯޗުކަމުގައި މާޒިޔާ އިން އެންމެ ފަހުން ކުޅުނު މެޗުތަކުގައި އެ ޓީމަށް ނަތީޖާ ނެރުމުގައި އެންމެ ބޮޑަށް ދިމާވި މައްސަލަ އަކީ ޓީމުގެ މުހިއްމު ކުޅުންތެރިންނަށް ދިމާވި އަނިޔާގެ މައްސަލަތަކެވެ. އަދި އެ ފަހަރުގެ ޖޫން ޓްރާންސްފާ މާކެޓްގައި މާޒިޔާއިން ގެނައި ކުޅުންތެރިންނަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

ސެކުލޮސްކީގެ ކޯޗުކަމުގެ ދަށުން މާޒިޔާއިން ކުޅެފައިވާ 31 މެޗްގެ ތެރެއިން 19 މެޗުން ވަނީ މޮޅުވެފައެވެ. އަދި 7 މެޗުން ބަލިވިއިރު ވަނީ 5 މެޗުން އެއްވަރުވެފައެވެ.

ސެކުލޮސްކީ ކޯޗުކަން ކޮއްދީފައިވާ މިޔަންމާގެ ޓީމުތައްވެސް ވަނީ ރާއްޖޭގެ ކްލަބްތަކާ ދެކޮޅަށް އޭއެފްސީ ކަޕްގައި ކުޅެފައެވެ. އެ ގޮތުން ޔަންގޮން ޔުނައިޓެޑުން 2016 ވަނަ އަހަރުގެ އޭއެފްސީ ކަޕުގައި މާޒިޔާއާ ދެކޮޅަށް ކުޅުނުއިރު 2015 ވަނަ އަހަރު ސެކުލޮސްކީ ކޯޗުކޮށްދިން މިޔަންމާގެ އަޔެޔަވާދީ ޔުނައިޓެޑް ވަނީ ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެފަ އެވެ. އަދި އޭގެ ކުރިން 2013 ވަނަ އަހަރުގެ މުބާރާތުގައި މާޒިޔާއާ ދެކޮޅަށް، ސެކުލޮސްކީގެ އަޔެޔަވާދީ ނުކުތެވެ. ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް ސެކުލޮސްކީ ވަނީ ހަ މެޗުގައި ކޯޗުކޮށްދީފައެވެ.

މެސެޑޯނިއާގެ ބައެއް ޔޫތު ޓީމުތަކާ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް ކާމިޔާބީ ހޯދައިދީފައިވާ ސެކުލޮސްކީ ވަނީ 2012 ވަނަ އަހަރު އެ ގައުމުގެ ޕެލިސްޓާ އަށް ފުރަތަމަ ޑިވިޝަނުން ޖާގަ ކަޝަވަރު ކޮއްދީފައެވެ. ސެކުލޮސްކީ ވަނީ 2014 ވަނަ އަހަރު މެސެޑޯނިއާ ފުޓްބޯޅަ ފެޑެރޭޝަނުން ހޮވި ބޭރު ގައުމުތަކުގައި މަސައްކަތްކުރާ މެސެޑޯނިއާގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ވެސް ހޯދާފައެވެ.

ޖޫން މަހުގައި ބާއްވަން ހަމަޖެހިފައިވާ މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް މާޒިޔާ އިން ވަނީ ވަރަށް ވަރުގަދައަށް ތައްޔާރުވެފައެވެ. އެގޮތުން މިޓީމުން ވަނީ މޮޅު ކުޅުންތެރިންގެ ސޮއި ހޯދައި ޓީމު ވަރުގަދަ ކޮއްފައެވެ. ޓީމްއާއި ގުޅުނު ބައެއް ކުޅުންތެރިންނަށް ބަލާއިރު ނިއު ރޭޑިއަންޓުގެ އަހުމަދު އަބްދުﷲ (ލިލީ) އަދި ހަމްޒާ މުހައްމަދު (ހަމްޕު)، ޓީސީގެ އަބްދުﷲ ހަނީފް (ބެންޖޯ)، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ހިމެނެއެވެ.