ލަންކާގައި ކުރިއަށްދާ މުބާރާތުގައި ބައިވެރިވުމަށް އެގައުމުގައި ތިބި ރާއްޖޭގެ 19 އަހަރުން ދަށުގެ ކްރިކެޓް ޓީމުގެ އެއްވެސް ކުޅުންތެރިއަކަށް ގެއްލުމެއް ވެފައެއް ނުވާ ކަމަށް ކްރިކެޓް ބޯޑްގެ ރައީސް މުހައްމަދު އަފްލާހް (އަފޫ) ވިދާޅުވެއްޖެއެވެ.

ގިނަ އަދަދެއްގެ ދިވެހިން ދިިރިއުޅޭ އަވައްޓެރި ސްރީލަންކާގެ ޗާޗްތަކަށާއި ހޮޓާތަކަކަށް ދިން ބޮމުގެ ހަމަލާތަކެއްގައި 185 މީހުން މިހާތަނަށް މަރުވެފައިވެއެވެ. ހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު އުފުލާފައެއް ނުވޭއެވެ. ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު ވަނީ ޒަހަމްވެފައެވެ.

އަފްލާހް ވިދާޅުވެފައިވަނީ ބޮމުގެ ހަމަލާދިން ވަގުތު ކޮލޮމްބޯގެ ޓުއާއަކަށް ދިޔުމަށް މަގުމަތީގައިތިބި 19 އަހަރުން ދަށުގެ ގައުމީ ކްރިކެޓު ޓީމު އެގައުމުގެ ފުލުހުންގެ އެހީތެރި ކަމާއެކު އެނބުރި މިހާރު ހޮޓަލަށް ގެންގޮސްފައިވާކަމަށެވެ. ރެސްޓް ދުވަސް ވީމަ ހުރިހާ ކުދިން ޝޮޕިންއާށާއި ޓުއާއަށް ދާން ތިބީ ކެއްމަދު ވެފައި ކަމަށް އަފްލާހް ވިދާޅުވިއެވެ.

"ވަގުތު"އަށް މައުލޫމާތު ހިއްސާ ކުރަމުން ކްރިކެޓް ބޯޑްގެ ރައީސް އަފްލާހް ވިދާޅުވެފައި ވަނީ ޓީމްގެ އެކޮމޮޑޭޝަން ހަމަޖެހިފައިވަނީ ހަމްބަންޓޯޓާގައި ހުންނަ ބުލޫ ސްޕްރިން ހޮޓަލްގައި ކަމަށެވެ.

ރާއްޖޭގެ ކްރިކެޓް ޓީމުގެ ދަތުރަކީ މިދަތުރަކީ މިމަހުގެ 26 ވަނަ ދުވަހު ޔޫއޭއީގައި އޮންނަ 19 އަހަރުން ދަށުގެ އޭސީސީ ވެސްޓާން ރީޖަން ކްރިކެޓް މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތަކަށެވެ.

މާދަމާ ދިވެހި ކްރިކެޓް ޓީމްގެ މެޗެއް ކުޅުމަށް ހަމަޖެހިފައި އޮތް ނަމަވެސް، ދެން ކަންތަށް ކުރާނީ ދިވެހި އެމްބަސީއިން އަންގާ ގޮތެއްގެ މަތިން ކަަމަށެވެ. އަދި މުބާރާތުގައި ވާދަކުރުމަށް ދިވެހި ޓިމް ޔޫއޭއީއަށް ފުރަން ހަމަޖެހިފައި އޮތީ އަންނަ ބުދަ ދުވަހު ކަމަށް ވެސް އަފްލާހް ވިދާޅުވިއެވެ.

ޔޫއޭއީގައި މި މަހު އޮންނަ 50 އޯވަރުގެ މުބާރާތުގައި ޖުމްލަ 8 ގައުމަކުން ވާދަކުރާނެއެވެ. މި މުބާރާތުގައި ރާއްޖެ ހިމެނިފައިވަނީ ގްރޫޕް ބީ ގައެވެ. ޓީމް ތަކަށް ބާލާއިރު ހިމެނެނީ ކުވައިތާއި އޮމާން އަދި ގަތަރެވެ.