މޮރޮކޯގެ ރަބާތު އިންޓަނޭޝަނަލް މެރެތަންގައި މިއަދު ދުވެ، ރާއްޖޭގެ އަހުމަދު ޝަރަފް ގައުމީ ހާފް މެރެތަން ރެކޯޑް މުގުރާލައި، ޖުލައި މަހު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ކޮލިފައިވެއްޖެއެވެ.

މި މަހުގެ ހަވަނަ ދުވަހު ޕްރާގް މެރެތަންގައި 1 ގަޑި 13:04 މިނެޓުން ދުވެގެން ޝިފާޒް މުހައްމަދު ހަދާފައިވާ ރެކޯޑް ޝަރަފް މިއަދު މުގުރާލާފައި ވަނީ 1 ގަޑި 12:52 މިނެޓުން ދުވެގެންނެވެ. އައިއޯއައިޖީގެ ހާފް މެރެތަންގައި އެތްލެޓިކްސް އެސޯސިއޭޝަންއިން ދީފައިވާނީ ކޮލިފައިވުމަށް 1 ގަޑި އިރާއި 13 މިނަޓްގެ ޓައިމިން އެކެވެ. މި ޓައިމިން ޝީފާޒް ކާމިޔާބު ކޮއްފައިވާތީ އޭނާ ވަނީ މިއިވެންޓްއަށް ކޮލިފައިވެފައެވެ.

ޝަރަފް އަކީ މީގެ ހަވަރަކަށް އަހަރު ކުރިން ރަސްމީކޮށް ދުވަން ފެށި ރާއްޖޭގެ މެރެތަން ރެކޯޑް 27 އަހަރަށް ފަހު މުގުރާލި ދުވުންތެރިޔާއެވެ. ސާފް ގޭމްސްގައި 1989 ވަނަ އަހަރު ހުސެއިން ހަލީމް (ކުޑަހުސެން) 2 ގަޑި 45.03 މިނެޓުން ހެދި ރެކޯޑް 2017 އަހަރު ޝަރަފް މުގުރާލީ 2 ގަޑި 42:28 މިނެޓުން ދުވެގެންނެވެ. އެކަމަކު ރެކޯޑް މިވަގުތު އޮތީ ޝިފާޒްގެ އަތުގައިކަން ފާހަނގަ ކޮއްލެވެއެވެ.

މޮރިޝިއަސްގައި ބާއްވާ އައިއޯއައިޖީގެ ހާފް މެރެތަން ދުވުމުން ރާއްޖެއަށް ދީފައިވަނީ ފަސް ޖާގައެވެ. އެސޯސިއޭޝަނުން ދީފައިވާ ޓާގެޓް ހާސިލްކުރެވޭ ފަސް ދުވުންތެރިންނަށް އެ ފުރުސަތު އޮތްއިރު، އެއަށް ވުރެ ގިނަ ދުވުންތެރިން ތިބެއްޖެ ނަމަ ފުރުސަތު ދޭނީ އޭގެ ތެރެއިން އެންމެ ޓައިމިން ރަނގަޅު ފަސް ދުވުންތެރިންނަށެވެ.

އައިއޯއައިޖީގައި ރާއްޖޭން ވާދަކުރާ ފިރިހެން ސްޕްރިންޓް އަދި މެދު ދުވެލީގެ ދުވުންތެރިން ނަގާނީ ދޯހާގައި މިހާރު ކުރިއަށްދާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގައެވެ. އޭގެ ފަހުން މާލޭގައި ބާއްވާ ޓައިމް ޓްރަޔަލް އިން ވެސް ރަނގަޅު ނަތީޖާ ހޯދާ ދުވުންތެރިންނަށް ފުރުސަތު އޮންނާނެއެވެ. އަންހެން ޓީމު އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަނުކުރާތީ އައިއޯއައިޖީގައި ވާދަކުރާ އަންހެން ދުވުންތެރިން ނެގުމަށް ހާއްސަ ޓައިމް ޓްރަޔަލެއް މާލޭގައި ބާއްވަންވަނީ ހަމަޖެހިފައެވެ.

އެތްލެޓިކްސް އިން ވަނީ މި ފަހަރު ފަސް މެޑަލް ހޯދަން ޓާގެޓްކޮށްފައިކަން ފާހަނގަ ވެއެވެ. މި ކުޅިވަރަކީ ފަހަކަށް އައިސް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް އެންމެ ގިނަ މެޑަލް ހޯދައިދިން ކުޅިވަރެވެ. އެގޮތުން 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދުވުންތެރިޔާ ހަސަން ސާއިދު ވަނީ ރަން މެޑަލް ހޯދައި ތާރީހުގެ ތެރެއަށް ވަދެފައެވެ. އަދި އެ މުބާރާތާއި ޖެހިގެން އައި އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ވަނީ ރިހި މެޑަލެއ ހޯދާފައެވެ.