އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެވަޓަންއިން، މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފިއެވެ.

އެވަޓަންގެ ދަނޑުގައި ކުޅުނު މެޗުން ޔުނައިޓެޑް ބަލިވީ 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިރޭގެ ނަތީޖާއާއެކު ޔުނައިޓެޑަށް ވަނީ ގަދަ ހަތަރަކަށް ބޮޑު ހުރަހެއް އެޅިފައެވެ. 34 މެޗުން 64 ޕޮއިންޓާއެކު ޔުނައިޓެޑް ހަވަނައިގައި އޮތް އިރު، ފަސްވަނައިގައި ޗެލްސީ އޮތީ އެ އަދަދަށް މެޗު ކުޅެ، 66 ޕޮއިންޓާއެކުގައެވެ. ހަތަރުވަނައިގައި އާސެނަލް އޮތީ 67 ޕޮއިންޓާއެކުގައެވެ.

ސީޒަން ދަށްކޮށް ފެށި ޔުނައިޓެޑުން އޭރު ހަވާލުވެ ހުރި ކޯޗު، ހޯޒޭ މޮރީނިއޯ، ސީޒަންގެ މެދުތެރެއިން ފޮނުވާލި އިރު، އޭނާގެ ފަހުން ކްލަބާ ހަވާލުވީ ލެޖެންޑަރީ ފޯވަޑް އޮލި ގުނަ ސޮލްސްޖާއެވެ. ސޮލްސްޖާއާއެކު ޔުނައިޓެޑުން ވަނީ ރަނގަޅު ފޯމެއްގައި ކުޅެފައެވެ. ހާއްސަކޮށް ގަދަ ހަތަރަކަށް ވާދަކޮށް، ޕީއެސްޖީ ބަލިކޮށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދުން ފާހަގަކޮށްލެވެއެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާއިން ޖާގަ ހޯދި ނަމަވެސް، ޔުނައިޓެޑުން ވަނީ މިދިޔަ ހަފްތާ ތެރޭގައި ބާސާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، އެ މުބާރާތުން ކަޓާފައެވެ. އަދި ލީގުގައި އެންމެފަހުން ކުޅުނު މެޗުތަކުން މުހިއްމު ޕޮއިންޓްތަކެއް ގެއްލުވާލާ ޔުނައިޓެޑް ވަނީ ހަވަނައަަށް ވެއްޓިފައެވެ.

މިރޭގެ މެޗުގެ ކުރީކޮޅުގައިވެސް ޔުނައިޓެޑް ސަލާމަތް ކޮށްދިނީ ގޯލްކީޕަރު ޑޭވިޑް ޑެހެއާއެވެ. އެހެން ނަމަވެސް 13 ވަނަ މިނެޓުގައި ރިޗާލްސަން ވަނީ ޔުނައިޓެޑަށް ލީޑު ނަގައިދީފައެވެ. އަދި ހާފް ނިމުމުގެ ކުރިން އެވަޓަންއަށް ލިބުނު ކޯނަރެއްގެ ބޭނުން ހިފާ، ކެޕްޓަން ސިގަޑްސަން ވަނީ ނަތީޖާގެ ފަރަގު ބޮޑު ކޮށްދީފައެވެ.

ފުރަތަމަ ހާފްގައިވެސް ޔުނައިޓެޑްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ އިރު، ދެވަނަ ހާފް ފެށިގެން ގިނަ އިރެއް ނުވެ، އެޓަންއިން 4-0ގެ ލީޑެއް ނެގިއެވެ. ލޫކަސް ޑީނިއާގެ ހިތްގައިމު ގޯލްގެ އިތުރުން، ވޮލްކޮޓްގެ ގޯލެއް ފެނިގެން ދިޔަ އިރު، ޔުނައިޓެޑުން އެންމެފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗުން އެޓީމު ވަނީ ބަލިވެފައެވެ.