މިއަހަރުގެ ޖޫން މަހު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕްގެ ކުރިން ކުރިމަގާ މެދު ގޮތެއް ނިންމަން ބޭނުންވާ ކަމަށް އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ގްރިޒްމަން ބުނެފިއެވެ.

މިދިޔަ އަހަރުތެރޭ އެތްލެޓިކޯގެ ކޮންޓްރެކްޓް ގްރިޒްމަން އާކުރި ނަމަވެސް މި ސީޒަނަށްފަހު އޭނާ އެ ކްލަބު ދޫކޮށްލަން އުޅޭކަމުގެ އަޑުތަށް މިހާރު ވަނީ ގަދަވާން ފަށާފައެވެ. ގްރިޒްމަން ހޯދުމަށް ބާސެލޯނާ އިން ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ގްރިޒްމަންގެ ކުރިމަގާ ގުޅޭގޮތުން ތަފާތު އެކި ވާހަކަތަށް ދެކެވެމުންދާއިރު ފްރާންސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ގްރިޒްމަން ބުނީ ވޯލްޑް ކަޕަށް ދާން ބޭނުންވަނީ ކުރިމަގާ މެދު ގޮތެއް ނިންމުމަށްފަހު ކަމަށެވެ.

"އަހަރެންގެ އާއިލާ މެމްބަރުން ކައިރީ ވެސް މިހާރު ވަނީ މި ވާހަކަ ބުނެފަ. ވޯލްޑް ކަޕްގެ ކުރިން އަހަރެން ބޭނުން ކުރިމަގާ މެދު ގޮތެއް ނިންމަން. އަބަދު އަހަރެންގެ ކުރިމަގާ ގުޅޭގޮތުން ސުވާލު ކުރާތީ އެކަމާ އަހަރެން ހިތްހަމައެއް ނުޖެހޭ" ގްރިޒްމަން ބުންޏެވެ.

2014 ވަނަ އަހަރު އެތްލެޓިކޯ އާއި ގުޅުނު ގްރިޒްމަން އަކީ އެޓީމުގެ ކުރީގައި މުހިއްމު ދައުރެއް އަދާކުރަމުންދާ ކުޅުންތެރިއެކެވެ. އެގޮތުން ގްރިޒްމަން ވަނީ މި ސީޒަނުގެ މިހާތަނަށް ކުޅުނު 38 މެޗުގައި 23 ގޯލު ކާމިޔާބުކޮށްފައެވެ.

ގްރިޒްމަން އެތްލެޓިކޯ އާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން ބާކީ އަދި ހަތަރު އަހަރު އެބައޮތެވެ.