ޕީއެސްޖީގައި ހުރެގެން ވެސް ބްރެޒިލްގެ ފޯވާޑް ނޭމާ އަށް ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ "ބެލެންޑިއޯ" އެވޯޑު ހޯދިދާނެ ކަމަށް ޗެލްސީގެ ލެޖެންޑް ޑިޑިއޭ ޑްރޮގްބާ ބުނެފިއެވެ.

ބާސެލޯނާ ދޫކޮށްލުމަށްފަހު މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ދުނިޔޭގެ ރެކޯޑު އަގަކަށް ކަމަށްވާ 222 މިލިއަން ޔޫރޯ އަށް ޕީއެސްޖީ އާއި ގުޅުނު ނޭމާ އަންނަނީ އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ނޭމާ ވަނީ މި ސީޒަނުގައި އެޓީމަށް ކުޅެދިން 30 މެޗުގައި 29 ގޯލު ކާމިޔާބުކޮށްދީފައެވެ.

ނޭމާ އަށް ތައުރީފު ކުރަމުން ފްރާންސްގެ ނޫހަކަށްދިން އިންޓަވިއުއެއްގައި ޑްރޮގްބާ ބުނީ ނޭމާ އައުމުން ޕީއެސްޖީ އަށް ވެސް ކުރިއެރުންތަކެއް ލިބިގެން ގޮސްފައިވާ ކަމަށާއި ޕީއެސްޖީގައި ހުރެ "ބެލެންޑިއޯ" ހޯދުމުގެ ފުރުސަތު ވެސް ނޭމާ އަށް އެބައޮތް ކަމަށެވެ.

"ޕީއެސްޖީގައި ހުރެގެން "ބެލެންޑިއޯ" ހޯދޭނެ ފެންވަރު ނޭމާގެ ގައިގައި އެބަހުރި" ޑްރޮގްބާ ބުންޏެވެ.

ޑްރޮގްބާ މިހެން ބުނެފައިވާއިރު ފާއިތުވި ދެ އަހަރު ވެސް ނޭމާ ވަނީ ދުނިޔޭގެ އެންމެ މޮޅު ތިން ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނިގެން ގޮސްފައެވެ.

ފަޔަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދުމަށް ނޭމާ މިވަގުތު ބްރެޒިލްގައި ހުރިއިރު އެ އަނިޔާ އާއި ގުޅިގެން ގާތްގަނޑަކަށް ދެ ތިން މަސްދުވަހަށް އޭނާ ވަނީ ކުޅުމާއި ދުރުގައި ހުންނަން ޖެހިފައެވެ.

ނޭމާ މިހާރު އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ މިއަހަރުގެ ޖޫން މަހު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕަށް ފިޓުވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ނުވާނެ ތިކަމެއް! މެސީގެ ހިޔަނިން ނެއްޓެން ގޮސް ތިވަނީ ކަވާނީގެ ހިޔަނީގެ ފަހަތަށް. ނޭމާއަށް ތިޔެއް ލިބޭނީ ކަވާނީއަށް 4 ފަހަރު ތި ލިބުމަށްފަހު!