ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އަނެއްކާވެސް އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ސާއިދަކީ މި ރީޖަންގައިވެސް ފާހަގަކޮށްލެވޭ ދުވުންތެރިއެކެވެ. އެންމެފަހުން އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައިވެސް އޭނާ ވަނީ 100 މީޓަރު ދުވުމުން ހަތަރު ވަނަ ހޯދާފައެވެ.

ސާއިދު ސެމީ ފައިނަލުން ޖާގަ ހޯދީ ފިރިހެން 100 މީޓަރު ފުރަތަމަ ބުރުގެ އެއްވަނަ ހީޓްގައި ދުވެ، އެ ހީޓްގެ ފަސްވަނަ ހޯދައިގެންނެވެ. އެ ބުރުގެ ފަސް ހީޓް ކުރިއަށް ގެންދިޔަ އިރު، ސާއިދު ރޭސް ނިންމީ 10.47 ސިކުންތުންނެވެ.

ހީޓްގެ އެއްވަނައަށް ބުރުނާއީ އެތުލީޓަކު ދިޔަ އިރު، ދެވަނައަށް ދިޔައީ ގަތަރުގެ އެތުލީޓެކެވެ. ތިންވަނައަށް އިރާން އެތުލީޓަކު ދިޔަ އިރު، ސާއިދުގެ ކުރިން ހަތަރުވަނައަށް ދިޔައީ ތައިލެންޑް އެތުލީޓެކެވެ. ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދާ ޗެމްޕިއަންޝިޕްގެ ފިރިހެން ސެމީ ފައިނަލް 100 މީޓަރު ދުވުންތައް އޮންނާނީ މާދަމާއެވެ.

ސާއިދު ވަނީ މީގެ ކުރިން އެ އިވެންޓްގެ ފައިނަލަށްވެސް ގޮސްފައެވެ. އަދި އޭނާއަކީ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އިވެންޓެއްގެ ސެމީ ފައިނަލަށް އެންމެ ފުރަތަމަ ދަތުރުކުރި ދިވެހި އެތުލީޓެވެ. އޭނާ ވަނީ 2013 ވަނަ އަހަރު މުބާރާތުގެ 200 މީޓަރު ސެމީ ފައިނަލަށްވެސް ދަތުރު ކޮށްފައެވެ.

އޭޕްރިލް 19 އިން 24 އަށް ބާއްވާ މުބާރާތުގައި ވާދަކުރާނީ ސާއިދުގެ އިތުރުން އިބްރާހިމް އަފްޝާން އަލީ (އައްޕި) އާއި ނުޖޫމް ހަސަން އާއި ހުސެއިން ފަޒީލް ހާރޫނާއި ސަރީސް އަހުމަދާއި އިބާދުﷲ އާދަމް އަދި ހުސެއިން ރިޒާ އެވެ.

މި ޓީމު ފައިނަލް ކޮށްފައިވަނީ އިންޑިއާ ސަރުކާރުގެ އެހީގައި އެ ގައުމުގެ ބެންގަލޫރުގައި ހެދި ދެ މަސް ދުވަހުގެ ތަމްރީންތަކަށް ފަހު އެވެ. މި ޓީމުގެ މިޑްލް ޑިސްޓެންސް ކޯޗަކީ އިންޑިއާގެ އަލަގަވްޑީ ޝިވަނަޑާ އެވެ. ސްޕްރިންޓް ކޯޗަކީ އަހުމަދު ފާއިލް އެވެ