އެކުވެރިކަމުގެ މެޗެއް ކުޅުމަށްޓަކައި ދިވެހި ގައުމީ ޓީމް ރޭ ސިންގަޕޫރަށް ފުރައިފިއެވެ.

ސިންގަޕޫރަށް ކުރި މި ދަތުރުގައި ޕީޓާ ސެގްރެޓް ގެ ސްކޮޑްގައި ހިމެނޭ އަލީ އަޝްފާގު (ދަގަޑޭ) ނޫން ހުރިހާ ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. ދަނގަޑޭ ބައިވެރި ނުވީ އަނިޔާގެ ސަބަބުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ ފަހުން ނިއުރޭޑިއަންޓް އީގަލްސްއާއި ދެކޮޅަށް ކުޅުނު މެޗުގައި ދަގަޑޭގެ ބުރަކައްޓައް ތަދެއްއަރައި އެތަދު އަދިވެސް ރަނގަޅުވެފައި ނުވެއެވެ.

ސިންގަޕޫރުގައި މާދަމާ ރާއްޖެގަޑިން ހަވީރު 4.30 ގައި އޮންނަ މި އެކުވެރިކަމުގެ މެޗަށްފަހު ގައުމީ ޓީމް ދެން ކުޅޭނޭ އޭއެފްސީ އޭސިއަން ކަޕްގެ ކޮލިފައިންގައި ބޫޓާނާއި ދެކޮޅަށެވެ. މި މެޗް ކުލޭނީ ގަލޮޅު ދަނޑުގައެވެ. މި މެޗްގައި މިހާރު އަނިޔާވެފައިވާ އަޝްފާގަށް ކުޅެވޭނެ ކަމަށް ލަފާކުރެއެވެ.

ގައުމީ ޓީމް މާދަމާ ސިންގަޕޫރާއެކު އެކުވެރި ކަމުގެ މެޗަކަށް ކުރިމަތިލާއިރު ކޯޗް ނަގާފައިވާ ސްކޮޑްގައި ގައުމީ ޓީމަށް ވަރަށް އާކުދިން ތިބިކަން ފާހަގަކޮށްލެވެއެވެ. އަދި ގައުމީ ޓީމަށް ގިނަ މެޗްތަކެއް ކުޅެދީ ތަޖުރިބާ ހުރި ބައެއް ކުޅުންތެރިން މިފަހަރު ސްކޮޑުން ޖާގަ ނުލިބޭކަންވެސް ފާހަގަ ކުރެވެއެވެ.

ގައުމީ ފުޓްބޯޅަ ޓީމްގެ އެސިސްޓެންޓް ކޯޗްކަމަށް އިއްޔެ އެފްއޭއެމްއިން އަހުމަދު ޝާކިރު (ޝާކިއްޓޭ) ހަމަޖައްސާފައިވާއިރު ސިންގަޕޫރުގައި މި ކުޅެވޭ އެކުވެރިކަމުގެ މެޗަކީ އަލަށް ކޯޗްކަމާއި ހަވާލުވި ސެގްރެޓް ހަވާލުވިފަހުން އޭނާގެ އިރުސާދުގެ ދަށުން ކުޅޭ ފުރަތަމަ މެޗެއެވެ.

ރާއްޖޭގެ ގައުމީ ޓީމްގެ ފެންވަރު ދައްކަމަށް އެންމެން ކިޔާ ދަނޑިވަޅެއްގައި އެފްއޭއެމް އިން މިހާރު ވަނީ "ޓުވާޑްސް ފިއުޗާ" ގެ މޮޓޯގެ ދަށުން ގައުމީ ޓީމް ސަރަހައްދީ ފުޓް ބޯޅައިގެ ގަދަ ބާރަކަށް ހެދުމަށްޓަކައި މަސައްކަތް ކުރަމުންނެވެ.