މަމެން އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ގައި ޕެނެލްޓީ ޖަހައިގެން، 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ގާޒީ ސްކޫލުން ހޯދައިފިއެވެ.

ގަލޮޅު ދަނޑުގައި ރޭ ޅ. އަތޮޅު ތައުލީމީ މަރުކަޒާއި ގާޒީ ސްކޫލް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ދެ ޓީމު އޮތީ 2-2 ގެ ނަތީޖާއަކުން އެއްވަރު ވެފައެވެ. ނަތީޖާ ނެރެން ޖެހުނީ ޕެނެލްޓީ ޖަހާށެވެ. ޕެނަލްޓީ ޝޫޓުއައުޓްގައި 4-5 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ގާޒީ ސްކޫލުންނެވެ.

ދެޓީމުން ވެސް ވަނީ ވާދަވެރި އަދި މޮޅު ކުޅުމެއް މެޗްގައި ދައްކާފައެވެ. ފަހު ގަޑީގައި ނަތީޖާ އަށް ކޮންމެ ކަހަލަ ބަދަލެއް އަޔަކަށް ރޭގެ މެޗްއަކީ މި ޖީލުގެ ފުޓްބޯޅަ ރަނގަޅަށް ބިނާވެގެން އަންނަ ކަމުގެ އަލިގަދަ ހެއްކެން ކަންފާހަގަ ކޮއްލެވެއެވެ.

ރޭގެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނަގާފައިވަނީ ޅ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ. މެޗު ފެށިގެން އެންމެ ހަތަރުވަނަ މިނެޓުގައި އަބްދުﷲ އަރީން ޖަހައި ދިން އެ ގޯލާ އެކު ގާޒީ ސުކޫލުން ކުޅުން ރަނގަޅުކޮށް ހަމަލާތައް އިތުރު ކުރަން ފެށިއެވެ. އެހެންކަމުން މާ ގިނަ އިރުތަކެއް ނުވަނީސް ގޯލެއް ޖަހައި ގާޒީ ސްކޫލުން ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ގޯލް އެޓީމަށް ކާމިޔާބު ކޮށް ދިނީ މުހައްމަދު އައިހަމް އިބްރާހިމްއެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ މި ނަތީޖާގައެވެ. ދެވަނަ ހާފް ފެށިގެން މާ ގިނަ އިރުތަކެއް ނުވަނީސް ގާޒީ ސްކޫލުން ގޯލެއް ޖަހައި ލީޑު ނަގާފައިވެއެވެ.

ގާޒީ ސްކޫލްގެ މި ގޯލް ކާމިޔާބު ކޮއްދިނީ ޔޫސުފް އަރްސަމްއެވެ. އަރްސަމްގެ މި ގޯލާއެކު ޅ. އަތޮޅު ތައުލީމީ މަރުކަޒުން ޓީމު ކުރިއަށް ޖައްސައި ގޯލެއް ޖަހާން މަސައްކަތް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން އަލީ އަފްޒާންގެ ހިތްގައިމު ގޯލަކާ އެކު ޅ. އަތޮޅު ތައުލީމީ މަރުކަޒުން އަނެއްކާ ވެސް މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ.

މެޗް އެއްވަރު ވެގެން ނިމިގެން ދިޔައީ ޕެނެލްޓީ ޝޫޓް އައުޓް އަކަށެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ގާޒީ ސްކޫލުގެ ފަސް ޕެނަލްޓީ ކާމިޔާބުކޮށް ދިނީ އަހްމަދު އަރީން މުހައްމަދް، މުހައްމަދު ރާއީ އަހުމަދް، އަހްމަދު ސިރާހާ، މުހައްމަދު އައިހަމް އިބްރާހީމް އަދި އަފްހާމް އިބްރާހީމް މުހައްމަދެވެ. ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕެނަލްޓީތައް ކާމިޔާބުކޮށް ދިނީ އަބްދުﷲ އަޒާން އަހުމަދް، އަލީ އަފްޒާން އިބްރާހީމް، އަބްދުﷲ މިސްއާލް މުހައްމަދު އަދި އަހްމަދު އަލާން އާދަމެވެ.

ޕެނެލްޓީ އަށް ފަހު ވަނީ މުބާރާތުގެ ޗެމްޕިއަންސް ޓީމަށާއި ރަނަރަޕް ޓީމަށާއި މުބާރާތުގައ ވަނަތަށް ހާސިލްކުރި ކުޅުންތެރިންނާއި ކޯޗުންނަށް އިނާމް ހަވާލް ކޮއްދީފައެވެ. މި އިނާމުތައް ހަވާލުކޮށް ދެއްވާފައިވަނީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފާއި ތައުލީމާ ބެހޭ ވަޒީރު ޑރ. އާއިޝަތު އަލީ އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

މުބާރާތުގެ ޑްރީމް ޓީމަކީ އަލީ އަފްޒާން (ޅ. އެޑިއުކޭޝަން ސެންޓަރު)، މުހައްމަދު އައިހަމް އިބްރާހިމް (ގާޒީ ސްކޫލް)، ޔޫސުފް އައިޝް މުހައްމަދު (އިސްކަންދަރު)، މުހައްމަދު އައިމަން އަލީ (ރެހެންދި ސްކޫލް)، އަބްދުﷲ މިސާލް މުހައްމަދު (ޅ. އެޑިއުކޭޝަން ސެންޓަރު)، ހުސައިން ޖަނާހް (ހިރިޔާ ސްކޫލް)، އާޔަން މުހައްމަދު (ރެހެންދި ސްކޫލް)، ހުސައިން ނާވީ (އިސްކަންދަރު)، އަބްދުﷲ ނަބާހް އަހަމަދު (ދަރުމަވަންތަ)، މުހައްމަދު އުނައިސް (ގާޒީ ސްކޫލް).

އަދި މި މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް ހޮވިފައިވަނީ ގާޒީ ސްކޫލްގެ އާރިޒް ބިން ޝާހިދުއެވެ. އެންމެ ގިނަ ގޯލް ޖަހާދީފައިވަނީ ހަމަ އެ ސުކޫލްގެ ޔޫސުފް އަބްސަމް މުހައްމަދު ރަޝީދްއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗް އަކީ ހިރިޔާ ސްކޫލްގެ ކޯޗް އަބްދުﷲ ހަމީދު މުހައްމަދުއެވެ.

މި މިބާރާތް ކުރިއަށް ގެންގޮސްފައިވަނީ ތިން އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 15 އަހަރުން ދަށުގެ މުބާރާތާއި، 18 އަހަރުން ދަށް އަދި 13 އަހަރުން ދަށުގެ މުބާރާތެވެ. 15 އަހަރުން ދަށުގެ މުބާރާތް ކާމިޔާބު ކޮއްފައިވަނީ ހިރިޔާ ސްކޫލުންނެވެ. އަދި 18 އަހަރުން ދަށުގެ މުބާރާތް ކާމިޔާބު ކޮއްފައިވަނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުންނެވެ.